މި ވަތަން ފަޚުވެރިވެރިވާ ދިވެހި ކަނބަލުންނަށް ސަބަހާއި ތައުރީފް ދަންނަވަމެވެ. ގައުމު ބިނާ ކުރެއްވުމުގައި ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.
މިއަދަކީ ބައިނަލްއަހުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރާއިރު ދިވެހި އަންހެނުންނަށްވެސްވަނީ ކުރިން ލިބިފައިނުވާ އެތައް ފުރުސަތުތަކެއް ހުޅުވިފައެވެ. ގައުމު އާރާސްތު ކުރުމުގައި އަންހެނުންގެ ހިއްސާނުވާ އެންމެ ދާއިރާއެއްވެސް ނެތެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ ތެރޭގައި ކުޅަދަނީ އަންހެނުން ވަރަށްގިނައެވެ. ސިފައިންނާއި، ފުލުހުންގެ ތެރޭގައި ހިމެނިގެން މި ގައުމަށް ޚިދުމަތްކުރާ އަންހެނުންނާމެދު ފަޚުރުވެރިވުން ހައްގެވެ. ފަނޑިޔާރުންނާއި ގާޒީންގެ ތެރޭގައި އަންހެނުން ހިމެނެއެވެ. ޤާނޫނީ ވަކީލުންގެ ގޮތުގައި އަންހެނުން މަދެއް ނޫނެވެ. ޕައިލެޓުންނަށް އަންހެނުން ހަރަކާތްތެރިވެއެވެ. ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަދުން ނަމަވެސް އަންހެނުން ހަރަކާތްތެރިވެއެވެ. މިހެން ގޮސް އަންހެނުންގެ ހިއްސާއެއް ނެތް ދާއިރާއެއް މިހާރަކުނެތެވެ. އެހެންނަމަވެސް އަދިވެސް ފިރިހެނުންނާ އެއްހަމަ ފުރުސަތުތަކެއް އަންހެނުންނަށް ލިބިފައިނުވާ ކަމަށް ބައިނަލް އަގުވާމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެފުރުސަތު އަންހެނުންނަށް ނުލިބެންވީ ސަބަބެއްނެތެވެ.
އަންހެނުންނަށް ފުރުސަތުތައް ފުޅާވެ ވަޒީފާތައް އަދާކުރަން ފަށައިފި ކަމަށްވާނަމަ ދުނިޔެއަށް އަހަރަކު 1.6 ޓްރީލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިވެހި އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުންތަކުންވަނީ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި މިހާރުގެ ސަރުކާރުންވެސް ގެންދަވަނީ މަސައްކަތްތައް ކުރައްވަމުންނެވެ.
ގައުމު ބިނާކުރުމުގެ އެންމެ މުހިންމު ޒިންމާ ކޮނޑުގައި އަޅައިގެން ތިބީ އަންހެނުންކަން ފާހަގަކުރަން ޖެހެއެވެ. ގައުމެއް ބިނާކުރެވޭނީ ދަރިންތައް ރަނގަޅަށް ތަރުބިއްޔަތު ކުރެވިގެންނެވެ. އެމަސައްކަތް ދިވެހި ކަނބަލުން ގެންދަވަނީ ޒަމާނުއްސުރެން ފުރިހަމައަށް އަދާކުރައްވަމުންނެވެ.
ގަބޫކުރަން ބޭނުންވިޔަސް ނުވިޔަސް އިސްލާމްދީނާއި ގައުމިއްޔަތުގެ ބިންގާ މަތީގައި ދަރިން ތަރުބިއްޔަތުކޮށް މިހަލަބޮލި މުޖުތައަށް ދަރިން ހޭލުންތެރި ކުރުމުގެ ފުރިހަމަ ޒިންމާނަގާ ހިސަބުން ސަރުކާރާއި އަމިއްލަ އޮފީސްތަކާ ހަމައަށް ދިވެހި އަންހެނުންގެ ޚިދުމަތްވަނީ ފޯރައިފައެވެ. ދެންއޮތީ އަންހެނުންނަށް އިތުރު ފުރުސަތު ދިނުމެވެ. ތަފާތު ދައްކާނެއެވެ.
ދިވެހި ކަނބަލުންގެ ޚިދުމަތަކީ މިގައުމުގައި ރިއްސާއި ރަނާއި މުތަށްވުރެން އަގުބޮޑު އެއްޗެކެވެ. އެއަށްވުރެ ވިދާ އެއްޗެކެވެ. އެ ޚިދުމަތްތަކަށްޓަކައި ކަނބަލުންގެ ކަރަށް އުކާލަންޖެހޭ ޝުކުރުގެ ރަންހާރުތައް ގިނަގުނައެވެ.