މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. މަތިވެރިވެގެންވާ ލައިލަތުން ގަދުރިވިލޭރޭ އެމަހެއްގައި ލެއްވި ﷲ އަށް ހަމްދު ހުއްޓެވެ. މިމަހުގެ ބަރަކާތާއި ހެޔޮދުޢާތައް މުސްލިމް އުންމަތުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ހުއްޓެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. ޤުރުއާނުގެ މައްސަރެވެ. ރަމަޟާން މަހަކީ އެހީވުމުގެ މައްސަރެވެ. ތަޤުވާގެ މައްސަރެވެ. ފާފަ ފުއްސަވައިދެއްވާ މައްސަރެވެ. ނަރަކައިން މިންޖު ކުރައްވާ މައްސަރެވެ. ރަމަޟާންމަހަކީ ހުރިހާ ހެޔޮކަމުގެ މައްސަރެވެ.
ތިމާގެ އަމިއްލަ ނަފުސު ހިސާބު ކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ހެޔޮވެގެންވާ ބަރަކާތްތެރި މިމަހަކީ ނަފުސު ހިސާބު ކުރުމަށްލިބޭ ޚާއްސަ ފުރުސަތެކެވެ. ނަފުސު ހިސާބު ކުރުމަށްފަހު ފާފަތައް ފުއްސަވާތޯ ދުޢާކުރަމާ ހިނގާށެވެ. ތައުބާވަމާ ހިނގާށެވެ. ކިތަންމެގިނަ ފާފަތަކެއް ކުރެވިފައި ހުއްޓަސް ﷲ އަށް ދުޢާ ދެންނެވުމުން އެފާފަތައް އެކަލާނގެ ފުއްސަވައިދެއްވާނެ ކަމަށް އިއްޔެގެ ހުކުރު ޚުތުބާގައިވެސް ބުނެފައިވެއެވެ.
ރޯދަމަހަކީ އަޅުކަމުގެ މަހަށްވުމުން ރޭގަނޑު ގިނަވަގުތު ހޭލައި ތިބުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރޭގަނޑު ގިނަވަގުތު ހޭލައި ތިބުމުން ކަންނެތްވެ ދުވާލުވަގުތު މާގިނައިން ނިދޭގޮތް ވެދާނެއެވެ. އެކަމުގެ ސަބަބުން ބައެއްފަހަރު ޖަމާޢަތުގެ ނަމާދުވެސް ނުލިބި ހިނގައިދާނެއެވެ.
އެހެން މަސްމަހާ ޚިލާފަށް ރޯދަމަހު ކާއެއްޗެހި ގިނައިން ހެދުމަކީ ދިވެހިންގެ އާދައެކެވެ. އެހެންކަމުން އެ އާދަދޫކޮށްލައި ވީހާވެސް ގިނައިން އަޅުކަމަށް ވަގުތު ހޯދަން ޖެހެއެވެ. އަދި ރޯދަމަހަށް ޚާއްސަކޮށްގެން ޓީވީން ދައްކާ ނާޗަރަންގީ ޕްރޮގްރާމްތައް ބެލުމަށް ވަގުތު ހޭދަކުރުމަކީވެސް ރޯދައިގެ އަޅުކަމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން މިފަދަ ހުރިހާ ކަމަކަށް ސަމާލުވެ ރޯދަމަހުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބިގަތުމަށް ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ މަރުޙަބާ ކިޔުމުގެ ގޮތުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ތައުބާވުމެވެ. އެހެންކަމުން ބިރުވެރި ނަރަކައިން ސަލާމަތްވުމަށް އެދި ތެދުހިތުން ތައުބާވުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށް ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. ރޯދަމަހަކީ އެކަމަށް ﷲ ދެއްވައިފައިވާ ރަނުގެ ފުރުސަތެކެވެ. ފުރުސަތު ނަގައިނުލާށެވެ. “ވެހޭތާ ފެންނަގާށެވެ.”
ކުށްކުރާ އިންސާނުންގެ ތެރެއިން އެއީ ކުށެއްކަމަށް ގަބޫލުކޮށް އެކަމަށް ތައުބާވާ މީހުންނަކީ ހެޔޮވެގެންވާ ބައެކެވެ. އިންސާނާކުރާ ފާފަތައް ކިތަންމެ ގިނަވިޔަސް ﷲ ގެ ހެޔޮވެގެންވާ ރަހުމަތް އެމީހެއްގެ މައްޗަށް އެބައޮތެވެ. އެހެން ކަމުން އެކަލާނގެ ހަޒުރަތުން އުންމީދު ކަނޑައިލައި މާޔޫސްވުމެއްނެތެވެ.
ރަމަޟާންމަހަކީ ފާފަ ފުއްސަވައި، ނަރަކައިން ދިންނަވާ މަހެކެވެ. އެހެންކަމުން ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކުގައި ﷲ ގެ ހަޒުރަތަށް ކުއްތަންވެ ތައުބާވާމީހާގެ ތައުބާ ﷲ ގަބޫލު ކުރައްވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މިފަދަ އުފާވެރި ޚަބަރުތައް ﷲގެ ހަޒުރަތުން އައިސްފައިވާހިނދު ދުނިޔަވީ އެދުންތަކުން ދުރުހެލިވެ ހެޔޮގޮތުގައި ރޯދަމަހުގެ މިދުވަސްތައް ބޭނުން ކުރަމާ ހިނގާށެވެ. ޒުވާބުކުރުމާއި، ނެތިމޮށުމާއި މިފަދަ އެހެނިހެންވެސް ނޭދެވޭ ކަންކަމުން ދުރެވެ ހެޔޮގޮތުގައި ރޯދަ ހިފަމާ ހިނގާށެވެ.
ރަމަޟާން މަހަކީ ނަފުސު ބައްޓަންކުރާ މަހެވެ. ނަފުސު ތަމްރީންކުރާމަހެވެ. ރޯދަމަހުން ހޯދާ ތަމްރީންތައް އެ މަހަށްފަހުވެސް ދަމަހައްޓަން ޖެހެއެވެ. އެފަދަ ބަޔަކަށް ﷲ އަޅަމެން ލައްވާށިއެވެ. އާމީން