English Edition
Dhivehi Edition

އިއްޔެ ވަނީ ޗައިނާއިން ރާއްޖެއައި ދިވެއްސަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭފަދަ ޢަލާމާތްތަކަކާއެކު ފެނިގެން ރާއްޖޭގައި ކަރަންޓީންކޮށް ޓެސްޓުތައް ހަދަން ފަށާފައެވެ. މިބަލީގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 213 އަށް އަރާއިރު ޗައިނާގައި އެކަނިވެސް 9692 މީހުންނަށް ވައިރަސް ގެ އަސަރުކޮށް މިބަލި ޖެހިފައިވެއެވެ. މީގެ ތެރެއިން 1527 މީހުން ވަނީ ސީރިއަސް ޙާލަތުގައެވެ. މިއާއެކު 12167 މީހަކަށް ބަލީގެ އަސަރު ހުރިކަމަށް ޝައްކު ކުރެވޭ އިރު މިބަލީގައި މިހާތަނަށް 163 މީހަކުވަނީ ފަރުވާއަށް ފަހު ރަނގަޅުވެސް ކޮށްފައެވެ.

ޗައިނާ ފިޔަވައި މިހާތަނަށް 23 ޤައުމަކުން މި ބަލި ފެނިފައިވާއިރު އޭގެ ތެރޭގައި ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާވެސް ހިމެނެއެވެ.

މި ނުރައްކާތެރި ބައްޔާ އެކު ޗައިނާގެ 60 މިލިއަނަށް ވުރެ ގިނަ މީހުން ގެތަކުގައި ބަންދު ވުމުގެ ސަބަބުން އެޤައުމުގެ އިޤްތިސާދަށް ހީނުކުރާ ވަރުގެ ބޮޑު ލޮޅުމެއް އަރާފައި ވެއެވެ.

ކާބޯތަކެއްޗަށް ވަނީ ޖެހިފައެވެ. ބާޒާރުތަކުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައި ވެއެވެ. ކަންބޮޑުވުމާއި ހާސްކަމާއި ބިރުވެރިކަން މުޅި ޗައިނާ ވަށާލާފަވާއިރު ޙަޤީޤީ މަންޒަރު ދުރުގައި އުޅޭ ބަޔަކަށް ވަޒަންކޮށްލަން ވެސް ނޭނގޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ފެތުރެމުންމިދާ ކޮރޯނާ ވައިރަހަކީ ދުނިޔޭގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން ޑަބްލިއު އެޗް އޯ އިން އިއްޔެ ނިންމި އިރު އެ ޖަމްޢިއްޔާއިން އެންމެ ކަންބޮޑުވަނީ ސިއްޙީ ނިޒާމް ބަލިކަށި ޤައުމުތަކަށް މިބަލި ފެތުރިދާނެތީއެވެ.

ދުނިޔޭގެ ނިސްބަތުން އިޤްތިސާދީ މާބޮޑު ފުދުންތެރިކަމެއް އަދި ސިއްޙީ ވަސީލަތްތަކެއް ނެތް އާބާދީ ކުޑަ ޤައުމެއް ކަމަށްވާ އަޅުގަނޑުމެންގެ މި ރާއްޖެ މިހާހިސާބުން މިއޮތީ ހަރުދަނާ ފިޔަވަޅުތަކަކަށް ބޭނުން ވެފައެވެ. ސަރުކާރުން ދަނީ ޑަބްލިއު އެޗް އޯ ގެ އިރްޝާދާއެކު ރާއްޖޭގައި މިބަލިން ރައްކާތެރި ވުމަށްޓަކައި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ރާއްޖެއަންނަ މީހުން ސްކްރީން ކުރުމަށް އެއަރޕޯޓްތަކުގައި ކަމާގުޅޭ އާލާތްތައް ވަނީ ޤާއިމް ކުރެވިފައެވެ. ޕެސެންޖަރުން ޓެސްޓު ކުރެވެނީ ހުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވާ ފަދަ ކަމެއް ހުރިތޯ ބަލާލުމަށް ކަމުގައިވިއަސް މިބަލި ޖެހޭ ހުރިހާ އެންމެން ދަނެގަނެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ ބަލީގެ ޢަލާމާތް ބޭރުފުށުން ނުފެންނަ އެތައް ބަޔަކަށް މިބަލި ޖެހިފައިވާ ކަން މިހާތަނަށް ހޯދިފައި ވާތީއެވެ.

ޗައިނާއާއި އެމެރިކާ އަދި ދުނިޔޭގެ އެހެނިހެން ބޮޑެތި ޤައުމުތަކުގެ ސައިންސްވެރިންދަނީ ކޮރޯނާ ވައިރަހަށް ވެކްސިނެއް ހޯދުމަށްޓަކައި ތަޙްލީލުތައް ކުރަމުންނެވެ. އެހެންނަމަވެސް މިއީ ކައިރި ކުރިމަގެއްގައި ލިބިދާނެ އެއްޗެއްކަމަށް އުއްމީދު ނުކުރާށެވެ. ދުނިޔޭގެ ބާޒާރަށް މިފަދަ ވެކްސިނެއް ތަޢާރަފް ކުރުމަށް މަދުވެގެން އަހަރެއް ވަރު ނަގާނެއެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ. މިހާހިސާބުން ރައްކާތެރި ވުމުގެ ގޮތުން އެޅެން ހުރި ފިޔަވަޅު ތަކަށް ސަމާލުވާން ވީއެވެ. ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ކަމަށްވާ ކެއްސާ ކިނބިހި އެޅުންފަދަ ޢަލާމާތްތައް ފެންނަ މީހުންނާއި ގައިގޯޅިވެ އުޅުން ދުރުވާންޖެހޭކަމަށް ޑަބްލިއު އެޗްއޯއިން ވަނީ ލަފާ ދީފައެވެ. މިބަލީގެ އެހެން ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ނޭވާ ކުރުވުން ހިމެނެއެވެ. އަދި ބޮޑުވަރުވާ މީހުންގެ ބަލި ނިއުމޯނިޔާއަށް ބަދަލު ވެ ކިޑްނީ ފެއިލް ވެ މަރާއި ހަނގުރާމަ ކުރަންޖެހޭ ޙާލަތް މެދުވެރިވެއެވެ.

ސައިންސް ވެރިން ޤަބޫލު ކުރާގޮތުގައި މިބަލި ފެތުރުމުގެ އަސްލަކީ ކާނާގެ ތެރޭ ބޭނުންކުރާ ދިރޭ ތަކެތީގެ ބާވަތްތަކެވެ. އެހެންކަމުން ސިއްޙީ މާހިރުން ވަނީ މަހާއި ބިސްފަދަ ތަކެތި ރަނގަޅަށް ރޯ ފިލުވައިގެން ކެއުމަށް ލަފާދީފައެވެ. ދިރޭ އެއްވެސް ބާވަތެއް ރޮލާ ބޭނުންނުކުރަންވީއެވެ. މިއީ ޗައިނާ ފަދަ ޤައުމުތަކުގައި ވަރަށް ޢާއްމުކޮށް ކައިއުޅޭ އެއްޗެކެވެ.

ދާއިމީ ބައްޔަކަށް ފަރުވާ ކުރާ މީހުން މިފަދަ ކަންކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ޖުމްލަގޮތެއްގައި އެހެންޏާވެސް ރޯގާއެއް ފެތުރޭނަމަ ޢަމަލު ކުރަން އޮންނަ ސިއްޙީ ރަނގަޅު އާދަތައް ކަމަށްވާ ސައިބޯނި ލައިގެން އަތް ދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި މާސްކް އެޅުން ފަދަ ކަންތައްތަކަށް ސަމާލުކަން ދޭން ވީ އެވެ.

ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރ ޑރ. އަބްދުﷲ ނިޔާފް ވަނީ ޓުވިޓަރ މެދުވެރިކޮން ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ހުރިހާ ޕްރޮވިންސަކުން ކޮރޯނާވައިރަސް މިހާރު ފެނިފަ ވުމާއިއެކު, ހުމާ, ރޯގާ, ކެއްސުން, ނޭވާކުރުވުން ފަދަ އަލާމާތެއް ޗައިނާއިން ފުރިތާ 14 ދުވަސްތެރޭ ފެނިއްޖެނަމަ ހޮޓްލައިން 7377004 އަށް ގުޅާ އެކަމާމެދު ޢަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ހޯދުމަށް އިލްތިމާސް ކޮށްފައިވެއެވެ.