ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށްޓަކައި ދަފްތަރެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފި އެވެ.
ޖެންޑަރ މިނިސްޓްރީ އިން ބުނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި ޢާއިލާތައް ދެނެގަތުމަށްޓަކައި ދަފުތަރެއް އެކުލަވައިލައި އަދި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޤަވާއިދުން މޮނިޓަރކުރާނެ ނިޒާމެއް އެކުލަވައިލައި، ކަނޑައެޅިފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތަށް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ޖެންޑަރ މިނިސްޓްރީ އަށް އަންގާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި ޖެންޑަރ މިނިސްޓްރީ އިން އެ މިންގަނޑުތައް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުވާފައި ވަނީ މި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފްތަރެއް އެކުލަވާލުމަށް ޖެންޑަރ މިނިސްޓްރީ އަށް އަންގާފައި ވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ފަރާތްތަކުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އިން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރުމަށްފަހު އެވެ.
ދެ އަހަރު ނުފުރޭ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން އެކުއްޖާއަށް ޖިންސީ އަނިޔާދިން ދެ ކާފައިންވެސް މިހާރު ހައްޔަރުކޮށް ބަންދު ޖަހާފައިވާއިރު، އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ ޖިންސީ ގޯނާގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވާއިރު، ދެކުނުގެ އަތޮޅެއްގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައިވެސް އުމުރުން 56 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އުމުރުން ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، 14 އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިހަފްތާ ބަންދުތެރޭވެސް ވަނީ ފިތްކަނޑައިގެންދާ ވަރުގެ އެތައް ވާހަކަ އަކާއެކު 12 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ދުލުން އޭނާގެ ބައްޕަކުރި ގޯނާގެ ވާހަކަ އިވިގެންގޮސްފައެވެ. މިހާދިސާ ފެންމަތިވުމާއެކު އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް ތަޙްޤީޤު ފަށާފައެވެ.
މީގެ އިތުރުން ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 11 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 60 އަހަރުގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.