English Edition
Dhivehi Edition
ސިވިލް ކޯޓު - ފޮޓޯ: ސަން

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ތިން ނިންމުމެއް ނިންމާފައިވާއިރު، ފުރަތަމަ ކަމަކަށް ނިންމީ ޤާޟީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބެލުމަށެވެ.

މީގެ އިތުރުން ހިނގަމުންދާ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، ޢަދުލު އިންސާފާމެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަން ހައްލުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ދެންނެވުމަށްވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.

އަދި ސުޕްރީމް ކޯޓުގެ އެންގުމަށް ސިވިލް ކޯޓުގައި މިހާރު ޤާއިމްކޮށްފައިވާ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއް ކަމުގައި ނުވާތީ، އެ ނިޒާމު މުރާޖަޢާކޮށް އިސްލާޙުކުރުމުގެ މަސައްކަތް ފެށުމަށް ޑީޖޭއޭ އަށް ހުށަހެޅުމަށްވެސް ޖޭއެސްސީ އިން ވަނީ އިއްޔެ ނިންމައިފަ އެވެ.

ޖޭއެސްސީ އިން ވަނީ މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީގެ ސުލޫކީ މައްސަލައެއް ބެލުމަށްވެސް ނިންމައިފަ އެވެ. މިދިޔަ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުވެސް ޖޭއެސްސީ އިން ވަނީ އިސްޤާޟީ ޢަބްދުﷲ ޢަލީގެ މައްސަލައެއް ބެލުމަށް ނިންމައިފަ އެވެ.