English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަޙްމަދު ޢާޠިފް - ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަޤާމަށް އިއްޔެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން ރައީސް ޞާލިޙް، އެ މަޤާމަށް އިއްޔެ އައްޔަންކުރައްވާފައި ވަނީ ހދ.ކުޅުދުއްފުށި، މާވިނަ، އަޙްމަދު ޢާޠިފް އެވެ.

އަޙްމަދު ޢާޠިފް މީގެ ކުރިން ހުންނެވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ ކައުންސިލަރެއްގެ މަޤާމުގައެވެ. އަޙްމަދު ޢާޠިފް ކުރިން ވަނީ އެ ކައުންސިލުގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނައިބެއްގެ މަޤާމަށް ޢާޠިފް އިއްޔެ އައްޔަންކުރިއިރު، އޭނާ ވަނީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށްވެސް ކުރިމަތިލައްވައިފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައިވެސް ޢާޠިފް ވަނީ ވާދަކުރައްވައިފަ އެވެ.

އަޙްމަދު ޢާޠިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާވެސް އަޙްމަދު ޢާޠިފް ވަނީ ޙާޞިލުކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓްރަކަށް މުސާރައާއި އިނާޔަތްތަކާއެކު ކޮންމެ 30،500ރ. ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 18،000ރ. އަދި އެހެނިހެން އެލަވަންސްގެ ގޮތުގައި 12،500ރ. އެވެ.