English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރޭ ބޭއްވުނު ޖަލްސާއަކީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާއެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ޑރ. އަހްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ރައްޔިތުންގެ ބައިވަރު ކަންބޮޑުވުންތައް ހިއްސާކުރަން ހުރި ނަމަވެސް އެ ފުރުސަތު ނުދިންކަމަށް ވިދާޅުވެ އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ ރޭ އައްޑޫ ހައި ސްކޫލުގައި ބޭއްވި ޖަލްސާ ‘ބޮއިކޮޓް’ކޮށްފައެވެ. ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ނުލިބުން މޭޔަރު ކަންބޮޑުވުންފާޅުކޮށްފައިވާއިރު އަދީލް ވިދާޅުވީ މޭޔަރާއި ކައުންސިލަރުންގެ ވާހަކަތައް ނިމެންދެން ނުހުއްޓުވާ އަޑުއައްސަވަން ރައީސުލްޖުމްހޫރިއްޔާ އިންނެވި މަންޒަރު ދެކެވަޑައިގެންނެވި ކަމަށެވެ.

“މޭޔަރުވެސް ހަގީގަތް ގަބޫލުކުރައްވަންޖެހޭ.ރައީސްގެ ދަތުރުފުޅުގެ 1/7 ވަގުތު ހޭދަކުރެއްވީ ކައުންސިލް އިދާރާގައި. ރޭ ބޭއްވުނު ޖަލްސާއަކީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާއެއް. އައްޑޫ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ޖަލްސާގައި ބައިވެރިވިން. އެ ފުރުސަތު މޭޔަރަށާއި ކައުންސިލަރުންނަށްވެސް އޮތް. ހަވަރު އެއްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަށް ބަވަން ފުރުސަތެއް ނުދެވޭނެ.” އަދީލް ވިދާޅުވިއެވެ.

އައްޑޫ ކައުންސިލާއި ރައީސްގެ ބައްދަލުކުރައްވާފައިވާއިރު، މޭޔަރު ވިދާޅުވީ ކައުންސިލުން ހުށަހެޅި ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެހެން ޕްލޭނަކާއެކީ ހައްލުކުރުމަށް ރައީސް އަރިހު ކައުންސިލުން އެދިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.