ތިން ރަށެއްގެ އިސްމެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން އެގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި މި އަހަރުގެ އެ ކޮމިޝަންގެ ނުވަ ވަނަ ބައްދަލުވުމުގަ އެވެ.
އެގޮތުން ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ އިން ބެލުމަށްފަހު، އިއްޔެގެ ބައްދަލުވުމަށް 18 މައްސަލައެއް ތާވަލުކުރެވި، އެ ކޮމިޓީ އިން ބަލަން ނިންމާފައިވާ 04 މައްސަލައެއްގެ ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން ތަޙުޤީޤު ކޮމިޓީ އެކުލަވާލީ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ބެލުމަށެވެ.
ޖޭއެސްސީ އިން ބަލަން ނިންމާފައި ވަނީ އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރު އާއި، ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙްސިން ޢަބްދުލްޙަކީމް އާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޅ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު މޫސާގެ ސުލޫކީ މައްސަލަތަކެވެ.
މީގެ އިތުރުން ޖޭއެސްސީ އިން ވަނީ ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީގެ ސުލޫކީ މައްސަލައެއް ބެލުމަށްވެސް ނިންމައިފަ އެވެ. މިދިޔަ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުވެސް ޖޭއެސްސީ އިން ވަނީ އިސްޤާޟީ ޢަބްދުﷲ ޢަލީގެ މައްސަލައެއް ބެލުމަށް ނިންމައިފަ އެވެ.
ނަމަވެސް ތަޙުޤީޤު ކުރުމަށް ނިންމާފައިވާ ސުލޫކީ މައްސަލަތަކުގެ އިތުރު އެއްވެސް ތަފްސީލެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެއެވެ.