އައްޑޫ ސިޓީ ހިތަދޫ އިން 10 ބިމެއް އާއްމު ވިޔަފާރިތަކަށް ކުއްޔަށް ދޫކުރުމަށް ނިންމައި، އެ ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯލްސޭލް ނުވަތަ ވެޔަރހައުސް ޤާއިމްކުރުމަށް 2641.85 އަކަފޫޓުގެ ދެ ބިމާއި، ގޭސް ވިއްކުމަށް 2750 އަކަފޫޓުގެ ދެ ބިން އަދި ގައު އެޅުމަށް 4000 އަކަފޫޓުގެ ދެ ބިމުގެ އިތުރުން އާއްމު ވިޔަފާރިއަށް 4000 އަކަފޫޓުގެދެ ބިމަކާއި 3000 އަކަފޫޓުގެ ބިމެއް އަދި ސައިނޭޖް / ހެންޑިކްރާފްޓަށް 4000 އަކަފޫޓުގެ އެއް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް މަދުވެގެން 0.30 ލާރީގެ ރޭޓުން ކަމަށެވެ.
އެ ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ30 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމަންޓް ވިއްކަނީ 300ރ. ރުފިޔާގެ އަގަކަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ފެބްރުއަރީ 02 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 01:30 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގަ އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ފެބްރުއަރީ06 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގައި އެ އިދާރާގައި ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.