English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބު ނިމި ކައުންސިލްގައި ލިބުނު ފިލާވަޅުތަކުން ޕާޓި ތަކާއި ކެންޑިޑޭޓުން މި ވަނީ އިބްރަތް ހާސިލްކޮށްފައެވެ. ގިނަ މީހުން އެއްވެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިވަނީ ފެނިފައެވެ. ވޯޓުން އެއްބަޔަކަށް އުފާވެރިކަން ގެނެސްދިން އިރު ދެރަވެ ހިތާމަކުރި މީހުންވެސް ބައިވަރެވެ. އެކަމަކު އައްޑޫ އަތޮޅު މީދޫގެ ގިނަ ރައްޔަތުންގެ މޫނުމަތިން މި ޝުއޫރުތަކުގެ ބަދަލުގައި ފެންނަމުންދަނީ ފޫހިކަމާއި މާޔޫސްކަމެވެ. މީދޫ ދައިރާ ކަޑައަޅާފައިވާ އިރު ކަނޑު ހުރަސްކޮށް މާދުރުގައިވާ ރަށަކާ އެކު އިންތިހާބު ގައި ވާދަކުރަން ޖެހުމުން ފެންނަމުންދާ ކަންބޮޑުވުންތަކެވެ. އާބާދީ ހަމަނުވާ ރަށްތައް އެއްކޮށްލުމުން އަތޮޅުގެ އެންމެ މީހުން މަދު ދެރަށް ކަމުގައިވާ މަރަދޫފޭދޫ އާއި މީދޫ އެއް ދާއިރާއަކަށް ހެދުން ވެގެންދިޔައީ ދެ ރަށު ރައްޔަތުންނަށްވެސް ބޮޑު ތަކްލީފަކަށެވެ. މީދޫ ދާއިރާއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އާދަމް ޝައްމޫން އިސްމާއީލް ވާދަކުރިއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ފަރާތުން ހުސެއިން ހިޔާޒް ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ކެޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް ޖަމާލް ވާދަކުރި އިރު އިންތިހާބުގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމް ކެންޑިޑޭޓް ފިޔަވައި ދެން ތިބި ދެ ބޭފުޅުންނަކީވެސް މީދޫއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. މީދޫގައި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ހިޔާޒް އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބުރުގެ ކެމްޕެއިން ވަރަށް ފޯރިއާއި އެކު ކުރިއަށް ގެންގޮސްފައިވާއިރު މަރަދޫފޭދޫއަށް ނިސްބަތްވާ ޕީޕީއެމް ކެންޑިޑޭޓްގެ މާ ބޮޑު ކެމްޕައިން ހަރަކާތްތަކެއް މީދޫގައި ހިންގާފައެއް ނެތެވެ. މީދޫގެ ގިނަ ރައްޔަތުން އިބުރުއަށް ތާއިދުކޮށް ކެމްޕެއިންކޮށްފައިވާއިރު މީގެ ތެރޭގައި ދެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއި އެއްވެސް ޕާޓީއަކަށް ތާއިދުނުކުރާ މީހުންވެސް ހިމެނެއެވެ. މީދޫގައި އިބުރުގެ ކެމްޕެއިން ހަރަކާތްތައް މެކުހަށް ޖަހާފައިވީ ނަމަވެސް މަރަދޫފޭދޫގައި އިބުރުގެ ކެމްޕެއިންގެ މާ ބޮޑޫ ހަރަކާތްތަކެއް ހިންގިފައެއް ނެތެވެ. “އަސްލު ވާ ގޮތަކީ ކަނޑު ހުރަސްކޮށް ދާން މި ޖެހެނީ. އެއް ކެންޑިޑޭޓަކު ކިހިނެތް ދުރުގަ އޮށް ދެރަށަށް ގޮސް ކެމްޕެއިން ކުރާނީވެސް. އަސްލު އެމްޑީޕީ ކެންޑިޑޭޓަށްވެސް އެ ރަށަށް ގޮސް މާ ބޮޑު ކެމްޕެއިނެއް ނުކުރެވޭ. އެކަމަކު އެ ރަށަކީ ފެށުނީއްސުރެ އެމްޑީޕީގެ ރަށެށްވީމަ އެ ރަށުގެ އެމްޑީޕީ މެމްބަރުން ވަރަށް ގަދައަށް ކެމްޕެއިން ޖެއްސި. އެކަމަކު އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކަށް އެއީ ފައްސޭހަކަމެއް ނޫން.” މީދޫގެ ޒުވާނަކު ބުންޏެވެ. މީދޫގައި ބަހައްޓާފައިވާ ތިން ވޯޓް ފޮށިންވެސް އިބުރު ކުރި ހޯދާފައިވާއިރު ލިބުނު ވޯޓްގެ ޖުމްލަ އަދަދަކީ395އެކެވެ. މީ ބޮޑު ދެ ޕާޓީއަށް ނިސްބަތްވާ ކެންޑީޑޭޓުންނާއި ވާދަކޮށް ލިބުނު ކާމިޔާބީއެއް ކަމަށް ކެމްޕެއިން ޓީމުން ގަބޫލުކުރެއެވެ. އަދި މާޒީއިން އިބްރަތް ހާސިލްކޮށް މީދޫގެ ގިނަ ރައްޔަތުން ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެފިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހިޔާޒް ހަސަންއަށް މި އިންތިހާބުގައި 504 ވޯޓް ލިބުނު އިރު މަރަދޫފޭދޫ ރައްޔަތުން ތިބީ ހިޔާޒް އާއި އެކުގައި ކަން އެ ރަށުގެ ރައްޔަތުންވަނީ ސާބިތުކޮށްދީފައެވެ. އެ ރަށަށް ނިސްބަތްވާ ޕީޕީއެމްގެ ކެންޑީޑޭޓާއި ވާދަކޮށް ހިޔާޒް އަށް މި ލިބުނު ކާމިޔާބީ އަކީ އެމްޑީޕީއަށް ލިބިގެން ދިޔަ ކާމިޔާބީއެއްކަމަށް އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުންވަނީ ބުނެފައެވެ. ދެ ރަށަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ކުރި ބުރަ މަސައްކަތުން ހިޔާޒް ހޮވިފައިވާއިރު އެ ޕާޓީގެ ގިނަ މެމްބަރުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މާ ދުރުގައިވާ ރަށަކާ ދާއިރާ ގުޅުވާލާފައިވުމެވެ.”އަސްލު މީ ވަރަށް އުދަގޫ ކަމެއް. މިހާރު ކައުންސިލަރަކަށް ހޮވޭ މީހަކަށްވެސް ކިހާ ބޮޑު އުދަގުލަކާ މި ކުރިމަތިވަނީ. މާ ދުރުގަ އޮށް ދެ ރަށުގަ މަޝްރޫއުތައް ހިންގުމަކީވެސް ކިހާ އުދަގޫ ކަމެއް. އަނެއްކޮޅުން މަރަދޫފޭދޫ މީހަކު ހޮވިއްޖެއްޔާ އެ މީހަކު މީދޫ މީހުންނަށް ނުވެސް ފެންނާނެ. މީދޫ މީހަކު ހޮވިއްޖެއްޔާ މަރަދޫފޭދޫ މީހުންނަށް ނުފެންނާނެ. މި ދެރަށް ވަކިކޮށްގެން ނޫނީ ދެރަށުން ކުރެ ރަށަކަށް އެއްވެސް ކަމެއް ނުވާނެ.” އިންތިހާބުގެ ކުރިން އެމްޑީޕީގެ މެމްބަރަކު ބުންޏެވެ. މި އިންތިހާބުގައި މީދޫ ދާއިރާއަށް ކުރިމަތިލި ޕީޕީއެމް ކެންޑިޑޭޓް ޝައްމޫންގެ މާ ބޮޑު ކެމްޕެއިން ހަރަކާތްތަކެއް ދެ ރަށުންވެސް ފެނިގެން ގޮސްފައެއް ނުވާ އިރު އިންތިހާބުގައި ލިބިފައިވަނީ ޖުމްލަ 130 ވޯޓެވެ. ޕީޕީއެމްއަށް ނިސްބަތްވާ ގިނަ މެމްބަރުންވެސް އަމިއްލަ ކެންޑިޑޭޓަށް ތާއިދުކޮށް ކެމްޕެއިންކޮށްފައިވާ އިރު މީދޫގައި ޝައްމޫންގެ ކެމްޕެއިން ހަރަކާތަކަށް ކުރިއަށް ގެންގޮސްފައިވަނީ ދޮރުން ދޮރަށް ހިނގުން އެކަންޏެވެ. އެ ހަރަކާތަށްވެސް މީދޫ ޕީޕީއެމްގެ ގިނަ މެމްބަރުންގެ ފަރާތުން އެއްވެސް ތަރްހީބެއް ލިބިފައި ނެތްއިރު މީދޫގެ ގިނަ މީހުން ބުނެފައިވަނީ ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކަށް ވޯޓްދޭން ބޭނުން ނޫވާކަމުގައެވެ. ފޯރިގަދަ ވާދަވެރި އިންތިހާބަކަށްފަހު ހިޔާޒް ހަސަން އިންތިހާބު ކާމިޔާބުކުރުމުން އިބްރާހިމް ޖަމާލް ވަނި ހިޔާޒްއަށް މަރްހަބާ ކިޔާފައެވެ. އިންތިހާބުގެ ކުރިން ތިން ކެންޑިޑޭޓުންވެސް ވަނީ ރައްޔަތުންނަށް ގިނަ ވައުދުތަކެއް ވެފައެވެ. ކޮންމެ ޕާޓިއަކަށް ނިސްބަތްވި ކަމުގައިވިޔަސް ސަރުކާރާ ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާނެ ކަމުގެ ވައުދުވަނީ ވެފައެވެ. އެހެންކަމުން މިދާއިރާގެ ރައްޔަތުން ތިބީ ދާއިރާ މި އޮށް ނިކަމެތި ހާލަތުން ސަލާމަތްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދުތަކަކާއެކުގައެވެ.ދެ ރަށުގެ ރައްޔަތުންގެ އެންމެ ބޮޑު އުއްމީދަކީ މަޖިލީސް އިންތިހާބުގައި ދެ ރަށް ވަކިވެ ދެ ދާއިރާގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ