ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ މިސް ޓްރައިން ޖޮރާންލީ އެސްކެޑަލް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ނޯވޭގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް މަރުޙަބާ ދަންނަވައި، ދެޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ނޯވޭ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާއަށް ރާއްޖެއިން ވިދާޅުވި މަރުޙަބާއަށް ޝުކުރުއަދާކުރައްވައި، ދެ ޤައުމުގެ ދެމެދު ގިނަ ރޮނގުތަކުން މިހާރުވެސް ގުޅުންބަދަހިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އިޤްތިޞާދީ ތަރައްޤީގެ ދާއިރާއާ ތިމާވެށީގެ ދާއިރާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާ ނޯވޭއިން ގުޅުން ބަދަހިކުރެވިފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.