English Edition
Dhivehi Edition

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފޭދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެވެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ފޭދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 22 ޖަނަވަރީ 2020 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެމީހާ ދިރިއުޅޭ ގެ އިންނެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެދަށުން އެމީހާ ހައްޔަރުކޮށް އެމީހާ ދިރިއުޅޭގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 136 ރަބަރު ޕެކެޓާއި މަސްތުވާކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ވަނީ ދީފައެވެ.

މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.