English Edition
Dhivehi Edition

ދިވެހި އަސްކަރިއްޔާއަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ރައްކަލަށްޓަކައި ތިބޭ ބައެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމަށް ހޮނިހިރުދުވަހުގެ ރޭ ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން، ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހި ސިފައިންނަކީ ދަޢުލަތުން ޚަރަދުކޮށްގެން، ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ރައްކަލަށްޓަކައި ތިބޭ ބައެއް ކަމަށް ވާއިރު، ސިފައިންނަކީ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިގެންވާ، ހަރުދަނާ، ޤާބިލް އަދި “ޕްރޮފެޝަނަލް” ބަޔަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އަބަދުވެސް އިސްކަންދެއްވާ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އަވަށްޓެރި ޤައުމުތަކާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ފޯރުވައިދިނުންކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، ބޭރުގެ އެހީއާއެކު ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުން، ރައްޔިތުންގެ ހިތަށް ލިބޭ ފިނިކަމާއި ހިތްހަމަޖެހުން އެންމެހާ ފަރާތްތަކުންވެސް ޤަބޫލުކުރަންޖެހޭ ކަމަށެވެ.

އަންހެން ބޭފުޅަކަށް ވީތީ ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވުމުގައި ހުންނަ ގޮންޖެހުންތަކާ ބެހޭގޮތުން ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އެމްއެންޑީއެފްގެ ސިފައިންގެ ފަރާތުން، އަޚްލާޤީގޮތުން ދަށުދަރަޖައިގެ އެއްވެސް ޢަމަލެއް ފެނިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާ މަޤާމާ ހަވާލުވެވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުވެސް، އެމްއެންޑީއެފްގެ ލީޑަރޝިޕުން އެކަމަނާ ބަލައިގަތީ، ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް އިބްރާޙިމް މުޙައްމަދު ޞާލިޙް، ދިފާޢީ ވަޒީރުގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވުމަށް ނިންމެވި ނިންމެވުމަށް ފުރިހަމައަށް އިޙްތިރާމްކޮށް، ސިޔާސީގޮތުން ތަޖުރިބާހުރި، “ސިވިލް” ބޭފުޅެއްގެ ހައިސިއްޔަތުންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.