ހުރިހާ ބާވަތެއްގެ އަނިޔާއަކުން ކުޑަކުދިން ރައްކާތެރިކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) މޯލްޑިވްސް އިން ބުނެފި އެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި އުމުރުން ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކު، އެކުއްޖާގެ އާއިލާގެ މެންބަރުން ރޭޕްކުރި މައްސަލައިގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އެފަދަ މައްސަލަތައް ފެންމަތިވެގެންދިއުމާއި ގުޅިގެން ޔުނިސެފް މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެފަދަ މައްސަލަތަކާމެދު ވަރަށް ހިތާމަކުރާ ކަމަށެވެ.
އަދި ކުޑަކުއްޖަކަށް، އެކުއްޖާއަށް ލޯތްބާއި އަޅާލުންދީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތަކުން އަނިޔާކުރުމަށްވުރެ ބިރުވެރި އެއްވެސް ކަމެއް ނެތް ކަމަށާއި، އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ނިމިގެންދިޔަ 2019 ވަނަ އަހަރު ކުޑަކުދިންނަށް އަނިޔާކުރުމުގެ 1،200 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް، އަނިޔާގެ ގިނަ މައްސަލަތައް ރިޕޯޓް ނުކުރަނީ ކުޑަކުދިންގެ ވާހަކަތައް ޤަބޫލުނުކުރުމާއި، އާއިލާތައް އެކަމަކާމެދު ލަދުގަތުމުގެ އިތުރުން ކުޑަކުދިންނަށް ލިބޭ އަނިޔާއަކީ ރަނގަޅު ނޫން ކަމެއްކަން ޚުދު އެކުދިންނަށްވެސް ނޭނގޭތީ ކަމަށް ޔުނިސެފް މޯލްޑިވްސް އިން ބުނެއެވެ.
މީގެ އިތުރުން ޔުނިސެފް މޯލްޑިވްސް އިން ބުނީ ކުޑަކުދިންނަށް އަނިޔާގެ ވާހަކަތައް ދައްކައި، އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިންނަށް އެއްބާރުލުންދީ އިންސާފު ޔަޤީންކޮށްދޭނެފަދަ ޚިދުމަތްތަކެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.
ޔުނިސެފް މޯލްޑިވްސް އިން ބުނީ ކުޑަކުދިންނާއި ދެކޮޅަށް ކުރާ އަނިޔާތައް ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ ޖަމިއްޔާ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ގެންގުޅޭ ނިޒާމުތައް ތަރައްޤީ ކުރުމާއި ގުޅޭގޮތުން ޤައުމީ ކަމާބެހޭ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށެވެ.
ނަމަވެސް ކުޑަކުދިންނަށް އަނިޔާކޮށް، އެކުދިންނާމެދު އިހުމާލުވުން ހުއްޓުވުމަކަށް ހަމައެކަނި އެކަންތައްތައް ނުފުދޭ ކަމަށާއި، އަނިޔާ ހުއްޓުވުމަށްޓަކައި ހުރިހާ ފަންތިއެއްގައިވެސް ރައްކާތެރި މާހައުލެއް ޤާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެފަދަ މާހައުލެއް ބިނާކުރުމަށްޓަކައި، އަނިޔާ އާއި އިހުމާލުން ކުޑަކުދިން ރައްކާތެރިކުރުމުގައި ވަކިވަކި ފަރުދުންނާއި އާއިލާތައް އަދި މުޖުތަމަޢުގެ އިތުރުން ސަރުކާރުންވެސް އެކުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ޔުނިސެފް މޯލްޑިވްސް އިން ބުނެފައި ވެއެވެ.