English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަކީ ޕީޕީއެމަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށާއި މިއީ 2018 ކާމިޔާބު ކުރަން ލިބިގެންދާ އިތުރު ހިތްވަރެއް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ ޕީޕީއެމްއަކީ އިންތިހާބުތައް ކާމިޔާބު ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި މިދިޔަ ހައެއްކަ މަސް ތެރޭގައި ޕާޓީގެ އޮނިގަނޑަށް އައި ބަދަލުތަކާއި ރައީސް ޔާމީން ވާދަ ކުރައްވަން ޖެހިވަޑައިގަތީ ޕާޓީގެ ތެރެއިން ނިކުތް ބަޔަކާއި އަދި އިދިކޮޅު ފަރާތްތަކާ ކަމަށެވެ. އެގޮތުން ބަލާ އިރު މިއީ ވަރަށް ފުރިހަމަ ކާމިޔާބެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.   ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މިވަގުތަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ވެސް ޕީޕީއެމްއަށް ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށާއި މިހާތަނަށް ސާފު ކުރެވުނު ނަތީޖާއަށް ބަލާއިރު ޕީޕީއެމްއަށް 219 ގޮނޑި ލިބިފައިވާ އިރު އިދިކޮޅު ފަރާތްތަކަށް ލިބުނީ 206 ގޮނޑި ކަމަށެވެ. ބައެއް ފަރާތްތަކުން އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން އުޅޮން އަރާފަދަ ވާހަކަތައް ފަތުރަމުންދަނީ. އެ ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވިފައިވާ މަންޒަރު ރައްޔިތުންނަށް ދައްކަމުން އެބަދޭ . ނަމަވެސް މިހާތަނަށް ވެސް ޕީޕީއެމް ކުރި ހޯދާފައިވާ އިރު ނުގުނާ ހުރި 100 ވަރަކަށް ވޯޓު ފޮއްޓަކީ ޕީޕީއެމްއަށް ވަރަށް ބޮޑު ތާއީދެއް އޮތް ސަރަހައްދުތަކުގެ ފޮށި. އެހެންކަމުން މިހާރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބިގެން ދާނެ ކަމަށް ބެލެވޭ” ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަ ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ތަަރައްގީގެ މަސައްކަތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ކުރަމުންގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް ހާއްސަކޮށް އެންމެ ބޮޑު ދެ ސިޓީ ކައުންސިލް ކަމަށްވާ މާލެއާއި އައްޑޫ ކައުންސިލަށް މިދިޔަ ދުވަސްތަކުގައި ހިދުމަތް ދެވިފައި ނުވާ ކަމަށާއި އެތަންތަނުގައި ރައްޔިތުންނަށް ހިދުމަތް ދިނީ ސަރުކާރުން ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން މަސައްކަތް ކުރާ ގޮތާ ދޭތެރޭ ރައްޔިތުން ވިސްނާ ކައުންސިލް ތަކުގެ މަސައްކަތްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ އިން ސަރުކާރަށް ވެސް ކަންތައްތަކެއް ސާފުވެފައިވާ ކަމަށާއި އެނަތީޖާއަށް ބަލައިގެން ސަރުކާރުން ވެސް ކަންކަން އިސްލާހު ކުރަމުންދާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.