English Edition
Dhivehi Edition

ހޮންކޮންގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ މިންވަރު އަންގައިދިނުމުގެ ގޮތުން ނެރެފައިވާ “ސީރިއަސް” އެލާޓް ” އެމެޖެންސީ އަށް ބަދަލު ކޮށްފިއެވެ. މިކަން އިޢުލާން ކޮށްފައިވަނީ މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ހޮންކޮންގެ ޗީފް އެގްޒެކްޓިވް ކެރީ ލޭމް އެވެ.

އޭނާވަނީ އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ސްކޫލްތައްވެސް ބަންދު ކުރެވިފައިވާ ކަން އިޢުލާން ކޮށްފައެވެ.

މިއަދަކީ ޗައިނާގައި ފާހަގަ ކުރާ އެޤައުމުގެ އާއަހަރު ފާހަގަ ކުރާ ދުވަހެވެ. މިއަދާއެކު ފެށިގެންދާ ޗުއްޓީގެ ތެރޭ ވެސް ދަތުރު ފަތުރު ކުރުން ވަނީ ޗައިނާ ގެ ބޮޑު ބައެއްގައި މަނާ ކުރެވިފައެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ޔޫހާން ގެ ހޮސްޕިޓަލްތައް ފުރި ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭ އިތުރު ހޮސްޕިޓަލެއް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 1300 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ އިރު ޗައިނާގެ އިތުރުން ދުނިޔޭގެ 13 ޤައުމަކުންވެސް މިބަލި ފެނިފައިވާ ކަން ވަނީ ކަށަވަރުވެފައެވެ. އެއީ ހޮންކޮން، ތައިލެންޑް،އޮސްޓްރޭލިޔާ،ފްރާންސް، ޖަޕާން،މެލޭޝިޔާ،ސިންގަޕޯރ،ޓައިވާން މެކާއޯ،ސައުތުކޮރެއާ،އެމެރިކާ،ވިއެޓްނާމް އަދި ނޭޕާލުންނެވެ. ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އަންނަނީ މި ބަލިން ރައްކާތެރި ވުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އަޅަމުންނެވެ. ރާއްޖެއަކީ ވެސް ފަތުރުވެރިން ގިނަ ޢަދަދަކަށް ޒިޔާރަތް ކުރާ ޤައުމަކަށް ވެފައި ރާއްޖެ އެތެރެވާ ފަތާތްތައްވެސް ދަނީ ސްކްރީން ކުރަމުންނެވެ. މިހާތަނަށް ރާއްޖެއިން މިބަލި ފެނިފައިވާ ކަމަށް ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.