English Edition
Dhivehi Edition

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުންނަނީ ދިވެހިރާއްޖޭގެ މިނިވަންކަން އަލުން އަނބުރާ ހޯދުމަށާއި ދިވެހިރާއްޖެއަށް ޙައްޤުވާ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ހއ.ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ އެކަންކަން ހޯދަން އެންމެ މޮޅުވާނީ ވެސް ކަމަށެވެ. އޭނާ ވިދާޅުވީ މިއިންތިޚާބަށް ޕީޕީއެމް ނުކުމެ އޮތީ މައިގަނޑު ދެކަމެއް ޙާޞިލުކުރުމަށް ކަމުގައެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން އަނބުރައި ހޯދުމާއި، އެކަންކުރުމަށް ކުރާ ދަތުރުގައި މާލިމީކަމަށް ރައީސް ޔާމީން ގެނައުމަށް ކަމުގައެވެ.

އޭގެ އިތުރަށް ސަޢީދު ވިދާޅުވީ ދިވެހިރާއްޖެއަށް ޙައްޤުވާ ތަނަވަސްކަން ހޯދަނީ ދިވެހިރާއްޖޭގައި ޞިނާޢަތްތަކުގެ އިންސާފު ޤާއިމުކޮށް، ތިމާވެށި ރައްކާތެރިކޮށް، ބިރެއް ނެތި ތުއްތުކުދިންނަށް އިސްލާމީދީނުގެ ތަރަހައިގެ ތެރޭގައި ދިރިއުޅެވޭނެ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކަމަށެވެ.

ވެރިކަން ކުރާ ކޯލިޝަނަށް ފާޑު ވިދާޅުވަމުން ސަޢީދު ވިދާޅުވީ އެ ކޯލިޝަނުގެ ހަތަރު ޕާޓީއަކީ އެއް ބައެއް ކަމުގައެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ކަންބޮޑުވާންޖެހޭ ހުރިހާ ކަމެއްގެ ޒިންމާ ނަގަން އޮތް ސަރުކާރުގެ ހަތަރު ތަނބަކީ މިހަތަރު ޕާޓީ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. އަދި މިޕާޓީތަކަށް ދޭންޖެހޭ ވޯޓެއް ނޯންނާނެ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.

އިއްޔެ ޕްރޮގްރެސިވް ކޯލިޝަނުގެ ޓީމެއް ހއ އަތޮޅަށް ފެށި ދަތުރުގައި އެޓީމުންވަނީ އެއަތޮޅު ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެއަތޮޅުގެ އުތީމަށާއި، މުރައިދޫއަށާއި، ވަށަފަރާއި، ފިއްލަދޫއާއި ދިއްދޫގެ އިތުރުން އެއަތޮޅު ކެލާއަށް އެޓީމުންވަނީ ޒިޔާރަތްކޮށްފައެވެ..

އަދި ޕްރޮގްރެސިވް ކޯލިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގަންނެވި ޖަލްސާއެއް ރޭ ހއ.ބާރަށުގައި ކުރިއަށް ދިޔައިރު މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.