English Edition
Dhivehi Edition

ޖީހާނާއެކީ ދާހިތުން ކެތް މަދުވެފައި އިންއިރުވެސް އަދިވެސް އޭނާގެ ގޮތުގައި ހިފެހެއްޓޭތޯ ބަލަނީ ކަންނޭނގެއެވެ.

”ޖިނާ މަންމަ ހެއްވާލަބަލަ” ޖީހާން ދަރިފުޅުގެ ކޮލުން ދޮނެއް ނަގަމުން ބުނެލިއެވެ.

”މަންމާ، މަންމާ ” ޖިނާ ތުއްތު ބަހުރުވައިން މަންމައަށް ގޮވާލިއެވެ. ނަޝްވާ މަޑުމަޑުން ޖީހާނަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން އަދިވެސް އެތަކެއް ޝަކުވާއެއް ކުރާ ކަހަލައެވެ. އެކަމަކު އޭނާ ޖީހާން ދެކެ ވަރަށް ލޯބިވެއެވެ. އެއީ އޭނާގެ އަލަތު ފިރިމީހާއެވެ. އޭނާގެ ޖިނާގެ ބައްޕައެވެ.

މިހާރު ޖީހާނާއި ޖިނާ އަދި ނަޝްވާ އުޅެނީ ޖީހާން ކުއްޔަށް ހިފާފައިވާ ކުޑަވަރެއްގެ އެޕާޓްމަންޓެއްގައެވެ. އެއީ ނުހަނު އުފާވެރި އާއިލާއެކެވެ. އެތަކެއް ހިތާމަތަކެއް ތަހަމައްމަލުކުރުމަށްފަހު އަނެއްކާވެސް އެމީހުންގެ ހަޔާތަށް ބަހާރު މޫސުން އައީއެވެ.

ޖީހާން މަންމައަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޖީހާންގެ ވާހަކަތައް އަޑުއެހުމަށްފަހު ސަކީނާ ވަރަށް ދެރަވިއެވެ. އަދި ޖިނާއާ ބައްދަލުކުރާހިތްވިއެވެ. އެއީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ދިރިހުރި ތަސްވީރެކެވެ. އޭނާގެ ފުރަތަމަ މާމަ ދަރިފުޅެވެ.

”ދަރިފުޅާ، ދެން ރަށަށް ނާންނަނީތަ؟ މާލޭގައި ދިރިއުޅުމަކީ ހާދަހާ ޚަރަދުބޮޑު ކަމެކޭ،މުސްތަޤްބަލަށް އެއްވެސް އެއްޗެއް ރައްކާނުކުރެވޭނެ، ދަރިފުޅުމެން އާދޭ ރަށަށް، އަދި އަމިއްލަ ގެއެއް އަޅައިގެން ރަގަޅު ދިރިއުޅުމެއް ފަށާ، މަންމަމެންގެ ހެޔޮދުއާ އަބަދުވެސް ވަނީ ދަރިފުޅުމެންނާއެކު” ސަކީނާއްތަ ނަޝްވާއާ ވެސް ވަރަށް ވާހަކަ ދެއްކިއެވެ. އަދި ޖިނާއާ ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިއެވެ. ޖިނާއަށް އަދި ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އެކަމަކު މާމަ ކިޔާ އެއްޗަކަށް އޭނާވެސް ކޮންމެވެސް އެއްޗެކޭ ކިޔައެވެ.

”ނަޝްވާ ބުނަންތަ، ނަޝްވާގެ މަންމަ ވަރަށް ބަލި، ހޮސްޕިޓަލްގައި އެހެން އެކަނި މާއެކަނި އޮންނަތާ އެތައް ދުވަހެއް ވެއްޖެ. އަހަރެން ވެސް ދޭތެރެ ދޭތެރެއިން ގޮސް ހާލު ބަލަން، އެކަމަކު އެގޭ އެކަކު ވެސް ހޮސްޕިޓަލަކަށް ނުދޭ، ކިތަންމެ ނުބައި ވިއަސް މަންމަ ވާނީ މަންމައަކަށްނޫން، މަންމައަކީ ދަރިންނަށްޓަކައި ކޮން ފަދަ ބުރައެއް އުފާލާފައިވާ މީހެއްކަން ނަޝްވާއަށް ވެސް މިހާރު އެނގޭނެ، ވީމާ ސަކީނާއްތަ އަށް ފެންނަނީ ނަޝްވާ ރަށަށް އަންނަން، އެހެން ދަރިއަކު އެހީނުވިއަސް ނަޝްވާ އެހީވާންޖެހޭނެ، ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައޭ ބުނާއަޑު އަހަމެއްނުން، އެމައިމީހާ ކޮންމެ ގޮތަކަށް ކަންތައްކުރިއަސް ދަރިއެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ އެދަރިއަކަށް އޮތްކަމެއް،” ސަކީނާއްތަ އެގޮތަށް ވާހަކަ ދައްކަން ފެށުމުން ހަމަ ވަގުތުން އުދުހިލާފައި މަންމަ ގާތަށް ރަށަށް ހިނގައިދާނަމޭ ނަޝްވާގެ ހިތަށް އެރިއެވެ. މަންމަ ކަންތައްކުރިގޮތުން މަންމަ ދެކެ ރުޅި އައިސްގެން އިންކަމުގައި ވިއަސް ނަޝްވާ މަންމަ މަތިން ހަނދާންވެއެވެ. މަންމަ އާއި އެއްބަނޑު އެއްބަފާ ކުދިން ދެކެ ލޯބިއެވެ.

ދެތިން ދުވަހުގެ ތެރޭގައި ނަޝްވާމެން ރަށަށް ދިޔައެވެ. އެމީހުން ފެނުމުން ސަކީނާއްތަ އާއި އެގޭ އެހެން މީހުން ހީވަނީ އުފަލުން ގޮސް އެހެންކަމެއްހެންނެވެ. ސަކީނާއްތަ ވެސް ޖިނާ އުރާލައިގެން އޭނާއާ ލޯބިކުރަމުން ދިޔައެވެ. މިއީ އެދުވަހަކަށްޓަކައި ނަޝްވާ އިންތިޒާރުކުރި ދުވަހެވެ.ޖީހާންގެ މައިންބަފައިން އޭނާ ޤަބޫލުކޮށް އޭނާއަށް އިހްތިރާމްކުރާތަން ދެކެން ނަޝްވާ ނުހަނު ބޭނުންވިއެވެ. އަދި އެދުވަސް ދެއްކެވުން އެދި ކަލާނގެ ހަޒްރަތަށް އެތަކެއް ފަހަރު ދުއާކުރިއެވެ. މިހާރު އެއޮތީ އޭނާގެ އެދުން ފުއްދަވާދެއްވާފައެވެ.

ޖިނާ މަންމަމެންގެ ގާތުގައި ބެހެއްޓުމަށްފަހު ނަޝްވާ އާއި ޖީހާން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެތާނގައި ނަޝްވާގެ މަންމަ އެންމެ ފަހުގެ ނޭވާއާ ހަނގުރާމަކުރަން އޮތް ތަނަށް ދިޔުމަށެވެ.

ހޮސްޕިޓަލްގައި އޮތް މަންމަގެ ނިކަމތި ހަށިގަނޑު ފެނުމާއެކު ނަޝްވާ ބަޑި ފަޅައިގެންދިޔައެވެ. އެވަގުތު އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވެގެންދިޔައީ އޭނާގެ ބައްޕަ ކަރީމެވެ. ކަރީމުގެ ނިކަމެތި ހަށިގަނޑު ހޮސްޕިޓަލްގެ ހުދު ހުދު ހެނދުމަތީގައި އޮތް މަންޒަރެވެ.

ނަޝްވާ ފެނުމާއެކު ފަރީދާ ދެލޯބޮޑުކޮށްގެން އޭނާއާ ދިމާއަށް ބަލަން ފެށިއެވެ. އޭނާއަށް ފެންނަ މަންޒަރާމެދު ޔަޤީންކަމެއް ނެތް ގޮތަކަށެވެ. މަންމަ އެގޮތަށް ބަލަން ފެށުމުން ނަޝްވާގޮސް މަންމަގެ މަގަތުން އިށީނެވެ.

”މަންމާ ނުރޮއި ހުއްޓާލާ، ހުރިހާ ކަމެއް ވެސް ދެން ރަގަޅުވެދާނެ، މަންމަގެ ނަޝްވާ މިއިނީ މަންމަގެ ގާތުގައި، މަންމައަށް އެއްވެސް ކަމެއްނުވާނެ” މަންމަގެ ލޮލުގައި ހުރި ކަރުނަތައް ފޮހެމުން ނަޝްވާ ބުންޏެވެ. ނަޝްވާގެ ވާހަކަތަކަށް މަންމަ މަޑުމަޑުން ހިތިގޮތަކަށް ހީލިއެވެ. އޭނާ ނަޝްވާއާމެދު ކަންތައްކުރީ ކޮންފަދަ އިހާނެތިގޮތަކަށް ހެއްޔެވެ. ނަޝްވާ ބަދުނާމްކުރުމަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. އިންސާނަކު އަނެއް އިންސާނަކަށް ދޭނެ އެންމެ ބޮޑު ކެހި އޭނާ ނަޝްވާއަށް ދިނެވެ. އެކަމަކު ނަޝްވާ ކިހާ ރަގަޅު ހެއްޔެވެ. އޭނާ ބަލި އެނދުގައި އޮތްކަން އެގުމުން އެއިނީ އޭނާގެ ގާތަށް އައިހެވެ. އެކަމަކު ދެން ތިބި ދަރިންނަށް އެވަރުވެސް ނުވިއެވެ. އޭނާއަށް ވެސް ސަކީނާ ކަހަލަ މަޔަކަށް ވެވުނުނަމައެވެ. ސަކީނާއަކީ ވެސް ކިހާ ރަގަޅު މީހެއް ހެއްޔެވެ. އޭނާ ސަކީނާއާ ދިމާއަށް ނުކިޔަނީ ކީކޭހެއްޔެވެ. ނުކުރަނީ ކޮން ފުރައްސާރައެއްހެއްޔެވެ؟ އެކަމަކު މިއަދު ސަކީނާ ފިޔަވައި އޭނާގެ ހާލު ބަލާލާ މީހަކު ނެތެވެ.

ނަޝްވާ ރަށަށް އައިފަހުން މަންމަގެ ހާލު ތަންކޮޅެއް ރަގަޅުވިއެވެ. ނަޝްވާ އެތަކެއް ވާހަކައެއް ދައްކައިގެން މިހާރު ރަމްޒާއާއި އެގޭގެ އެހެން ކުދިން ވެސް މިހާރު ފަރީދާގާތަށް އާދެއެވެ. އެހެން ނަމަވެސް ދެން ފަރީދާގެ ބަލި މުޅިން ރަގަޅުނުވާނެކަމުގައި ޑޮކްޓަރުން އެންގިއެވެ. އެހެންކަމުން ހުރިހާ އެންމެން ވާހަކަ ދެއްކުމަށްފަހު ނިންމީ ފަރީދާ ގެއަށް ގެނައުމަށެވެ. ހޮސްޕިޓަލްގައި ބާއްވައިގެން ތިބުމަށްވުރެ ގޭގައި ފަރީދާގެ ހާލު ބަލަން ތިބުން މާ ފަސޭހަވާނެކަމަށް ހުރިހާ ކުދިން ވެސް އެއްބަސްވުމާ ގުޅިގެން ފަރީދާ ގެއަށް ގެނެވުނެވެ. މިހާރު ފަރީދާއަކަށް ނުތެދުވެއެވެ. ވާހަކައެއް ނުދެއްކެއެވެ. އަމިއްލައަށް ކައިބޮއި ނުހެދެއެވެ. ކޮންމެވެސް މީހަކު އެހީތެރިވެގެން ސާފުކުރިއްޔާ މެނުވީ ގައިން ތާހިރެއްނުވެވެއެވެ. އެހެން ނަމަވެސް ހުރިހާ ކުދިން އެއްބައިވެގެން މަންމަގެ ކަންތައް ބަލަހައްޓަމުންދިޔައެވެ.

ރަށަށް ބަދަލުވިތާ އެއް އަހަރު ފުރުނުއިރު ނަޝްވާއާއި ޖީހާން އުޅެނީ އެމީހުންގެ އަމިއްލަ ގެއެއްގައެވެ. އެއީ ޖީހާންގެ ގެއާ އިންވެގެން އޮތް ޖީހާންގެ މަންމަގެ ގޯއްޗެވެ. މަންމަ ޖީހާނަށް އެގޯތި ހިބަކޮށްދިނީއެވެ. އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށްވީތީއެވެ. މިހާރު އެދެމަފިރިން ތިބެނީ ނުހަނު އުފަލުންނެވެ. ނަޝްވާ ކަހަލަ ވަފާތެރި ކިޔަމަންތެރި ރަގަޅު އަންބަކު ލިބުނީތީ ޖީހާން ނުހަނު އުފާކުރެއެވެ. އަދި ނަޝްވާ………. ހުރިހާ ހިތާމަތަކާ ހަނގުރާމަކުރުމަށްފަހު މިހާރު އޭނާގެ ހަޔާތުގެ ނައު ހަމަހިމޭން ބަނދަރަކަށް ގެނެވުނީތީ އުފާކުރެއެވެ. ދިރިއުޅުމުގައި އޭނާއަށް ހިތްދަތިކަން ލިބުނެވެ. އެތަކެއް ފަހަރު އެކިގޮތްގޮތަށް އޭނާ ބަދުނާމްވިއެވެ. އެހެން ނަމަވެސް ކުޅިފަސް ގެއްލިގެން ދެއަތް އުރާލައިގެން އުޅޭ ފިނޑިމީހުންގެ ތެރެއަކު އޭނާ ނުވިއެވެ. ހިތްވަރާއި އަޒުމާއެކީގައި ހުރިހާ ކަމަކާ ހަނގުރާމަކޮށް މިހާރު އޭނާއަށް ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ހަމަވެއްޖެއެވެ. ނުހަނު ލޯބިވާ ފިރިއެކެވެ. ލޯބިލޯބި ކުއްޖެކެވެ. ބަލި ކުއްޖެއްކަމުގައި ވީނަމަވެސްމެއެވެ.. (ނިމުނީ)