English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ޓެކްސީ އެޕްލިކޭޝަން ކަމަށްވާ “އަވަސް ރައިޑް”ގެ ޚިދުމަތް އައްޑޫ ސިޓީއަށްވެސް ތަޢާރަފްކޮށްފި އެވެ.

“އަވަސް ރައިޑް”ގެ ޚިދުމަތް މިހާތަނަށް ދެމުންއައީ ހަމައެކަނި މާލެ ސިޓީގައި ކަމަށްވާއިރު، މާލެއިން ބޭރުން މި އެޕްލިކޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ލިބޭނީ އައްޑޫ ސިޓީ އަށެވެ. “އަވަސް ރައިޑް”ގެ ޚިދުމަތް މާލެއާއި ހުޅުމާލޭގައި ކާމިޔާބުކަމާއެކު ދެމުން އަންނަތާ މިހާރު 10 ވަރަކަށް މަސްވަނީ ވެފައެވެ.

އައްޑޫ ސިޓީއަށް އަވަސް ރައިޑް ތަޢާރަފްކުރުމާއެކު، އެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އައްޑޫގެ ރައްޔިތުންނަށް ސައިކަލާއި ކާރު އަދި ވޭނާއި ޕިކަޕުގެ އިތުރުން ލޮރީގެ ޚިދުމަތަށްވެސް އޯޑަރު ކުރެވޭނެ އެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށްވެސް ދަތުރުތައް ނެގެއެވެ. ޓްރާންސްޕޯޓު ގަވާއިދު ބުނާގޮތުން، އަމިއްލަ ކާރުތަކަށް އަގު ނަގައިގެން ހިދުމަތް ދެވޭނީ އެ މިނިސްޓްރީއިން ހުއްދަ ދީފައިވާ މިފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަންޏެވެ.

“އަވަސް ރައިޑް” ގެ ސީއޯއޯ އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވީ އައްޑޫއަށް “އަވަސް ރައިޑް” ތައާރަފް ކުރަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ.

“ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެން ކައިރީ އެދޭ އައްޑޫއަށް އަޅުގަނޑުމެންގެ ހިދުމަތް ފުޅާ ކުރުމަށް. ކަސްޓަމަރުންވެސް އަދި ޑްރައިވަރުންވެސް މިގޮތަށް އެދޭ. އެނގިވަޑައިގަންނަވާނެ ފަދައިން އައްޑޫ އަކީ މިއީ ޕްރައިވެޓް ކާރު އަދި ސައިކަލު ވަރަށްވެސް ގިނަ ސިޓީއެއް. އެފަދަ ބޭފުޅުންނަށްވެސް އާމްދަނީ ހޯދަން ރަނގަޅު ފުރުސަތަކަށް މިކަން ވާނެ. އެހެންވެ މާލެއަށްފަހު އެންމެ ފުރަތަމަ އައްޑޫއަށް ތައާރަފު މިކުރީވެސް” އަޒްމީ ވިދާޅުވިއެވެ.

އައްޑޫގައި ހިދުމަތް ދިނުމަށްޓަކައި “އަވަސް ރައިޑު” އިން މިހާރު ވަނީ އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ހުޅުވާލާފައެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ މަޑު މަޑުން އާންމުވަމުންނެވެ. “އަވަސް ރައިޑް” އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ އެއް ފްލީޓެވެ. މިގޮތުން އަވަސް ރައިޑު މެދުވެރިކޮށް ހިދުމަތްދޭ ކާރު، ސައިކަލު، އަދި ޕިކަޕުގެ އަދަދު 2000ހާއި ކައިރިކުރެއެވެ.

“އަވަސް ރައިޑް” ގެ ޑްރައިވަރަކަށް ވުމަށް އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި ހިމެނޭ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު ހިމެނޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ. އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7812929 އަށް ގުޅައިގެން އެކައުންޓު އެކްޓީވޭޓް ކުރެވޭނެއެވެ.

އަވަސް ރައިޑް ގެ ޚިދުމަތް އައްޑޫއަށް ތަޢާރަފް ވުމުގެ ކުރިން ،މާލެއާއި ހުޅުމާލެއަށް ޓެކްސީގެ ޚިދުމަތް ދެމުން އައި ކެބް އެމްވީ އިން “ފަހިކެބް” ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށް އެޚިދުމަތް ވަނީ ރާއްޖޭގެ އެކި ކަން ކޮޅުތަކަށް ފޯރުކޮށްދޭން ފަށާފައެވެ.ކެބް އެމްވީގެ ޚިދުމަތް އައްޑުއަށްވެސް ތަޢާރަފް ކުރިތާ ދުވަސްތަކެއް ވެއްޖެއެވެ.