English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް އެދި ހުށަހަޅާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވައިފި އެވެ.

ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ)ގެ ޗެއާރ އަހްމަދު ޝަރީފު(ސައިރިކްސް ޝަރީފު) ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އީސީގެ ރައީސް އަހްމަދު ޝަރީފާއި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ޕެޓިޝަން ފޮނުވާފައިވާ ކަމަށެވެ.

އޭޑީސީގެ ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެ ކޮމިޓީގެ ހުޅުދޫ އާއި މީދޫ ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ކޮމިޓީގެ ޗެއާ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް)، އަހުމަދު ޝަފީއު، އާދަމް ނަސީރު، އަހުމަދު ފަޒީލް، އިބްރާހީމް ހަމީދު، އިމާދު ލަތީފު، އަހުމަދު ޝިހާމް، މުހައްމަދު ސަބްރީ، އަހުމަދު މުޖުތަބާ އަދި ނަސްރުﷲ ނަސީމެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ. މި ގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ހުޅުދު އާއި މީދޫގެ ރައްޔިތުން މި ވަގުތު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދެ ރަށަށް ވަކި ކައުންސިލެއް ހޮވުމަށްކަމަށެވެ.

އައްޑޫ އަށް ސިޓީގެ ދަރަޖަ ދީފައި އޮތަސް ސިޓީއެއްގެ ގޮތުގައި ނުހިނގާތީ، އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ހުޅުދޫ އާއި މީދޫ އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ގަބޫލުކޮށް ‘ އަފިރިންގެ ކައުންސިލް އަފިންނަށް” ގެ ނަމުގައި ސޮއިކުރާ ޕެޓިޝަނުގެ މައްސަލައިގައި ހުޅުދޫ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ މި މަސައްކަތުގައި ހުޅުދޫ މީހުންގެ ބައިވެރިވުން ކުޑަ ކަމަށާއި މިކަމަކީ މީދޫ މީހުން އިސްވެ ކުރާ މަސައްކަތެއް ކަމަށެވެ. ” ހުޅުދޫއިން ލިބޭ ޚިދުމަތްތައް ރަނގަޅުކުރުމަކީ އެއީ އެ ރަށުގެ ހުރިހާ ރައްޔިތުންވެސް ކުރާ އުންމީދެއް. އެހެންނަމަވެސް ސިޓީ އިން ވަކިވެގެން އެކަން ކުރެވޭނެކަމަށް ގަބޫލެއް ނުކުރެވޭ”ޝުކުރީ ވިދާޅުވިއެވެ.