English Edition
Dhivehi Edition
ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅު - ފޮޓޯ: ޓްވިޓާ (އެމްޑީއެން)

ރާއްޖޭގެ ޖަލުތައް އިޞްލާޙުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިންގުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމާއި އިއްޔެ ހަވާލުވެވަޑައިގެންނެވި، އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

އަޙުމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މުހިންމު ދަނޑިވަޅުގައި ސީޕީގެ މަޤާމަށް އައްޔަންކުރައްވައި އެމަސްއޫލިއްޔައްތު އަދާކުރާނެކަމުގެ އިތުބާރު އޭނާއަށް ކުރެއްވީތީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ޑުކުރުއަދާކުރައްވައިފަ އެވެ.

އަދި ޖަލުތައް އިޞްލާޙުކުރުމާއި އެމްސީއެސް ހަރުދަނާކުރުމުގެ މުހިންމު މަސައްކަތް، ކުރެއްވުނު އެންމެ ރަނގަޅަކަށް ކުރައްވާނެކަމުގެ ޔަޤީންކަން އާންމުންނާއި ސަރުކާރަށް އަރުވާ ކަމަށްވެސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވި އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުﷲ މުނާޒް އެ މަޤާމުން ވަކިކުރައްވައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށް، އަޙްމަދު މުޙައްމަދުފުޅު ރައީސް ޞާލިޙް އައްޔަންކުރެއްވީ އިއްޔެ އެވެ.

އަޙްމަދު މުޙައްމަދުފުޅު އެންމެ ފަހުން އަދާކުރެއްވީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމެވެ. އަޙްމަދު މުޙައްމަދު ފުޅު ވަނީ ޤައުމީ ޔުނިވަރސިޓީން ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައި ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޤައުމީ ޔުނިވަރސިޓީންނެވެ.