އައްޑޫ ސިޓީގެ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ “ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020” ގައި ހަރަކާތްތެރިވުމަށް 24 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށެވެ.
އަދި އެ ސަރވޭގައި ބައިވެރިވެވޭނީ ޖީސީއީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި ބޯހިމެނުން ނުވަތަ އެފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅު ތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަން ދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެނިއުމަރޭޓރުންގެ ގޮތުގައި ހޮވޭ މީހުންނަށް އަންނަ ފެބްރުއަރީ މަހުގެ 09 އިން 16 އަށް 08 ދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސަރވޭގެ މަސައްކަތް ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ 17 އިން 24ގެ ނިޔަލަށް ކަމަށެވެ.
އެ ސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި އެންބީއެސްގެ ވެބްސައިޓުން www.statisticsmaldives.gov.mv ލިބޭނެއެވެ.
އެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ 28 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ އަވަށު އޮފީސްތަކަށެވެ. އަދި އީމެއިލް [email protected] މެދުވެރިކޮށް ވެސް ފޯމް ބަލައިގަނެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ކުރުމަށް ހަމަޖެހިފައިވާއިރު، ސަރވޭގެ މަސައްކަތް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އެންބީއެސް އިން ވަނީ މީގެކުރިން ބުނެފަ އެވެ.
އެންބީއެސް އިން ބުނީ “ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤަވާއިދު 2012″ގެ ދަށުން ހުއްދަ ލިބިގެން ކުރެވޭ އެ ސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތު ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ ކަމަށާއި، އެ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމު ކަމަށެވެ.
އަދި އެ ސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި، މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.