ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގަ އެވެ.
އެގޮތުން އިއްޔެ ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދަވާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އޭސީސީގެ މެންބަރުން ވަނީ އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނުން އަމަލުކުރަމުންގެންދާ ޢާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާ ޙާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅުއްވާ އުސޫލުތައްފަދަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފަ އެވެ.
އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރައްވައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.