ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސްޓާފް ކެންޓީނެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެއާޕޯޓްގެ ހުޅަނގު ފަރާތުގައި އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު ކުރިމަތީ ހުރި 530 އަކަމީޓަރުގެ ސްޓާފް ކެންޓީނު ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ 100 އިންސައްތަ ދިވެހިން ހިއްސާވާ ސޯލް ޕްރޮޕްރިއޭޓަރޝިޕް، ލިމިޓެޑް ލަޔަބިލިޓީ ކުންފުނި ނުވަތަ ކޯޕަރޭޓިވް އާއި ޕާޓްނަރޝިޕް ކުންފުނި ތަކަށް ކަމަށެވެ. އަދި ބީލަން ހުށަހަޅާ ކުންފުންޏަކީ މަދުވެގެން އެއް އަހަރު ހުއްޓުމެއްނެތި ހޮޓާ/ކެފޭ/ރެސްޓޯރަންޓް/ބޭކަރީ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏަކަށް ވާންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ([email protected]) އަށް ނުވަތަ ސިޓީ، މިއަދުން ފެށިގެން 23 ޖެނުއަރީ އާއި ހަމައަށް (08:30 އާއި 15:30 އާއި ދެމެދު) ފޮނުއްވަން ޖެހޭނެ އެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނީ 21 ޖެނުއަރީ އާއި 23 ޖެނުއަރީ އާއި ދެމެދު އެމްއޭސީއެލްގެ ކޮމާޝަލް ޑިޕާޓްމަންޓުންނެވެ.
އެމްއޭސީއެލް އިން ބުނީ އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް ޖެނުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޕްރީބިޑް ބައްދަލުވުމެއް އެކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ މީޓިންގ ރޫމްގައި (އެޗް.އާރ މީޓިންގ ރޫމް) ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މަޢުލޫމާތު ސާފުކުރުމަށް އެދި ފޮނުއްވާ ލިޔުންތައް ޖެނުއަރީ 28 އިން 30ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 08:30 އިން 15:30 އާއި ދެމެދުގެ ގަޑިތަކުގައި އެމްއޭސީއެލްގެ ކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓަށެވެ. އަދި ސުވާލުތައް އީމެއިލް ކުރާނަމަ ފޮނުވާނީ [email protected] އަށެވެ.
އެމްއޭސީއެލް އިން ބުނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ ފެބްރުއަރީ 16 ވަނަ ދުވަހުގެ 10:30 ގައި ކަމަށެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ އެ ދުވަހުގެ 10:45 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.