ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، ނޮވެމްބަރ މަހު މެދުކެނޑާލުމަށްފަހު، މާލެއާއި އަތޮޅުތަކުގައި މިހިނގާ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.
އެގޮތުން މާލޭގައި ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް އެބިއުރޯގެ ފަރާތުން އިއްޔެ ކޮށްފައިވާއިރު، އޭގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި ސަރވޭގެ އިތުރު ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްގެންދާނެ ކަމަށް އެންބީއެސް އިން ބުނެއެވެ.
މީގެއިތުރުން އަތޮޅުތަކުގައި ވެސް އެ ސަރވޭގެ މަސައްކަތް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށާއި، މި އަހަރު ސަރވޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނީ ޖަނަވަރީ، ފެބްރުއަރީ، މާރިޗު އަދި އޭޕްރިލް މަހުގައި ކަމަށް އެ ބިއުރޯއިން ބުނެއެވެ. އަދި މާލޭގައި އެ ސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކަށް ކަމަށްވާއިރު، އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި އެ ސަރވޭ ކުރެވޭނެ ކަމަށް އެންބީއެސް އިން ބުނެއެވެ.
އެންބީއެސް އިން ބުނީ އެ ބިއުރޯއިން ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ޒިޔާރަތްކުރާނެ ކަމަށާއި، އެ މައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިޔެކިޔުންތަކާއި ކާކުކަން އަންގައިދޭ އައި.ޑީ ކާޑެއް ދެވިފައިވާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދު 08:30 އިން ހަވީރު 16:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ އެވެ.
“ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤަވާއިދު 2012″ގެ ދަށުން ހުއްދަލިބިގެން ކުރެވޭ އެ ސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މަޢުލޫމާތު ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ ކަމަށާއި، އެ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމު ކަމަށް އެންބީއެސް އިން ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ.
އަދި އެ ސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި، މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށްވެސް އެ ބިއުރޯއިން ބުނެއެވެ.