English Edition
Dhivehi Edition

”އެންމެ ރަގަޅޭ، އެކަމަކު ވެސް ތިޔައީ އަހަރެން ނުވަތަ ޒަޔާނާ ގުޅުމެއްވާ ބަޔެއްނޫން. އަހަރެން އެއީ ކޮން ގުޅުމެއްތޯ ބަލަން ބޭނުންވޭ. މިރަށުގައ އަހަރެން ދަންނަ މާގިނަ ބަޔަކުވެސް ނޫޅޭ. އެހެންކަމުން ކޮންމެވެސް ބަޔަކާ ގުޅުން ބަދަހިކުރުމަކީ ކުރެވިދާނެ ކަމެއްނޫން.” ޝިމަން ބުނެދިނެވެ.
”އެކަމަކު އަހަރެމެންނަކާ ނޫން، އެއްވެސް ބަޔަކާ ޝިމަން ގުޅުން ބަދަހިކުރިޔަކަ ނުދޭނެ ޒަޔާން” އަންހެންމީހާ ހަރުދަނާކަމާއެކު ބުންޏެވެ.
”އެއީކީއްވެ؟ ޒަޔާނާއި ކަލޭމެންނާ އޮތީ ކޮން ގުޅުމެއް؟” ޝިމަން ސުވާލުކޮށްލިއެވެ.
”އަހަރެންނަކީ ޒާހިދާ.،.. ޒަޔާންގެ ގޮތް ޝިމަން ކަހަލަ ޅަކުއްޖަކަށް ނޭގުނަސް އަހަންނަށް އެގޭ.” އަންހެންމީހާ އަނެއް ފަރާތަށް އެނބުރުނެވެ.
”ދައްތާ ޒަޔާންއާއި އަހަރެން ކައިވެނިކުރީ އަމިއްލައަކަށްނޫން. އަހަރެންގެ މަންމަ ޒަޔާންގެ ފައިސާވެރިކަން ދެކެފައި އޭނާއަށް އަހަރެން ވިއްކާލީ. ޒަޔާންއަކީ ކޮން ކަހަލަ މީހެއްކަން ބަލަން އަހަރެން ބޭނުން.” ދެލޮލުގައި ހުރި ކަރުނަތައް ފޮހެމުން ޝިމަން ބުންޏެވެ.
”އާނ އެހެންވެއްޖެއްޔާ މަށާއެކީ އާދޭ.”ޒާހިދާ އެތެރެއަށް ވަދެގެން ހިގައްޖެއެވެ. ޝިމަން ވެސް ޒާހިދާގެ ފަހަތުން ގޭތެރެއަށް ވަނެވެ. ގޭގެ އެއްފަރާތެއްގައި ހުރި ކުޑަކުޑަ ކޮޓަރިގަނޑެއްގެ ތެރެއަށް ޒާހިދާވަނެވެ. ކޮޓަރީގެ އެއްފަރާތެއްގައި ބާއްވާފައިހުރި އެނދެއްގައި ތުއްތު ކުއްޖަކު ބާއްވާފައި އޮތެވެ.
”ޝިމަން މިއީ އަހަރެމެންގެ ފުރަތަމަ ދަރިފުޅު. އެގާރަ އަހަރުގެ ނުކުޅެދޭ ކުއްޖެއް.” ޒާހިދާ ދަރިފުޅުގެ މޫނުގައި ފިރުމާލިއެވެ.
”އެގާރަ އަހަރޭ.’ ޝިމަންގެ ދެލޯ ބޮޑުވިއެވެ. ބަލާބެލުމަށް ހީވަނީ އެއީ ތިން ހަތަރުމަހުގެ ތުއްތުކުއްޖެއް ހެންނެވެ. ހަށިގަނޑު ކިތަންމެ ކުޑައަސް ކުއްޖާގެ ބޯބޮޑެވެ. އެކުއްޖާގެ ބޮޑު ދެލޮލުން ޝިމަންއަށް ބަލަން އޮތެވެ. އެމީހުން ދައްކާ ވާހަކަ އެނގޭފަދަ ގޮތަކަށެވެ.
”ޒަޔާން އަހަންނާއި ކައިވެނިކުރީ އަހަރެންގެ އުމުރުން 20 އަހަރުގައި. އެއިރު ޒަޔާނަކީ އެހާ ތަނަވަސްމީހެއްނޫން. އަހަންނަކީ ވެސް އުތުރު ރަށެއްގެ މީހަކީން. ޒަޔާންއާ ކައިވެނިކުރުމަށްފަހު މިރަށަށް ބަދަލުވީ. އެހެންނަމަވެސް ދުވަސްކޮޅަކުން ޒަޔާންގެ އުޅުން ބަދަލުވާންފެށި. އެކިއެކި އަންހެންކުދިންނާ ގުޅުންބާއްވާކަމުގައި އަޑުއިވެންފެށި. އަހަރެން ވަރަށް ނަސޭހަތްދިނިން. އެއިރު އަހަރެން އިނީ މި ދަރިފުޅަށް ބަލިވެ. ޒަޔާން އަހަރެ ންގެ އަޑެއްނާހާ. ހިސާބުގަނޑުގެ މީހުންނާ ވާހަކަ ދެއްކުން ވެސް އޮންނަނީ މަނާކޮށްފައި. މިރަށުގައި އަހަރެންގެ ތިމާގެ ބަޔަކު ވެސް ނެތް. ގޭތެރޭގައި އެކަނި މާއެކަނި ރޯން އޮތުން ފިޔަވައި އިތުރުކަމެއް ކުރެވޭކަށްނެތް. ފަހުން އައިސް ޒަޔާން އަހަރެންނަށް އަނިޔާވެސްކުރަންފެށި. އެއްދުވަހަކު ޒަޔާންގެ އުޅުމާ ދޭތެރޭ ހިތްހަމަނުޖެހިގެން އެ ވާހަކަ ދެއްކުމުން އަހަރެންގެ ބަނޑުގައި ފައިންޖެހި. އޭރު އަހަރެންގެ ބަނޑަށް އަށްމަސް. އަހަރެންނަށްވީ ތަދުން ރޮއިގަނެވިއްޖެ. އެވަގުތުވީ މި ދަރިފުޅު ދުނިޔެއަށް އައި ވަގުތަށް. ދަރިފުޅު ނުކުޅެދޭ ކުއްޖަކަށްވީ ވެސް ޒަޔާންގެ އަނިޔާގެ ސަބަބުންކަންނޭނގޭ. މިދަރިފުޅު ގޮވައިގެން އުޅުންވީ ވަރަށް ވެސް ބޮޑު ވޭނަކަށް. އެހެންނަމަވެސް އަހަރެން ވަރަށް ކެތްތެރިވިން. އަވަށްޓެރިން އަހަރެމެންނަށް ވަރަށް އެހީވި. ދަރިފުޅު ވިހައިގެން އަހަރެން އޮތްވާ ޒަޔާން ދިޔައީ ރާއްޖެއިން ބޭރަށް. ބަރާބަރު ހަތް އަހަރު ޒަޔާންގެ އެއްވެސް ޚަބަރެއްނެތި ހޭދަވި. ދެން ފެނުނީ ހަމަ ކުއްލިއަކަށް ޒަޔާން ރަށަށް އައިތަން. އައިއިރު ޒަޔާނަކީ ފައިސާވެރި ތަނަވަސްމީހެއް. ރަށަށް އައިސް ޒަޔާން އަހަރެމެންނަށް ވަރަށް އެހީވި. އަދި މިހާރު ޝިމަން ތިޔައުޅޭ ގެއަކީ ވެސް ޒަޔާން އެޅި ގެއެއް. ރަށުގައި ހަމަސް ހޭދަކުރުމަށްފަހު ޒަޔާން އަނެއްކާވެސް ހިގައްޖެ. އެއިރު އަހަރެން އިނީ ދެވަނަ ދަރިފުޅަށް ބަލިވެ. އެހެންނަމަވެސް ޒަޔާން ދިޔުމަށްފަހު އެއްވެސް ޚަބަރެއްނުވި. އަނެއްކާވެސް ކުރީގެ މާޒީ ތަކުރާރުވީ. އަހަރެން ވިހައިގެ ން ހުރިހާ ކަމެއްކޮށްދިނީ އަވަށްޓެރިން.ދަރިފުޅަށް ތިން އަހަރުވީތަނާ ޒަޔާންގެ ސިޓީއެއް ލިބުނު. އެސިޓީގައި އޮތީ އަހަރެން ވަރިކުރި ވާހަކަ. އެސިޓީ ފޮނުވިއިރު މިއޮތް ބަލި ކުއްޖާއާއި އަހަރެމެންނަށް ލިބޭނެ ހިތާމަ އޭނާއަކަށް ނުވިސްނުނު” ޒާހިދާ ވާހަކަ ހުއްޓާލިއެވެ. ނުވަތަ އޭނާގެ އަޑު ބެދުނީއެވެ. (ނުނިމޭ)