English Edition
Dhivehi Edition

ކުރިމަތީގައި އޮތް މާސިންގާ ބިޔަ ކަނޑަށް ބަލަންހުރި ޝަހީމާގެ ފަނޑުވެފައިވާ، އެހެނަސް ރީތި މޫނުގައިވާ ދެލޮލުން ފާއްދަމުން އޮހޮރެމުންދާ ކަރުނަތިކިތައް، ޖެހެމުންދާ ބާރު ފިނިވައިރޯޅި ތަކުގެ ސަބަބުން ގަނޑުވަމުންދާ ފަދައެވެ. އުސް ބިޔަ ރާޅުތަކުން އުފައްދަމުންދާ އަޑުފަތްގަނޑު އަންނަނީ ޝަހީމާއާ ކައިރިވަމުން އޭނާއަށް ހަނާއަޅަމުންނެވެ. އަދި އެރާޅުތަކުން ދަނީ އޭނާގެ ގައިގައި ފިރުމަމުންނެވެ. މޫދުގެ ދިޔަވަރާއެކު އުފައްދަމުން އެދާ އަޑުތައް ހީވަނީ އޭނާގެ ޙާލަތަށް މަލާމާތް ކުރަމުންދާހެންނެވެ. އެހެނަސް އެއަޑުތަކަށްވުރެ، އެއަޑުތަކުގެ މައްޗަށް އެޅެމުންއެދާ، ހަލާކުވެފައިވާ، އޭނާގެ ހިތުގެ ތެޅުމުގެ އަޑާއި، ހިތާމަވެރިކަމާއެކު ކުރަމުންއެދާ އޭނާގެ ދުޢާތަކުގެ އަޑު މާގަދައެވެ. – “އަހަރެންގެ ލޯބި އަހަންނަށް ޙާޞިލުނުވާ ދުނިޔެއެއްގައި ދިރިހުރުމުގެ ބަދަލުގައި އަހަރެން އިޚްތިޔާރުކުރާނީ މަރުވެ ދިއުމެވެ.”

“ޝަކީލް….” ޝަހީމާ ގިސްލަމުން، އެ ހަނަފަސް އަދި އެކަނިވެރި ގޮނޑުދޮށުގައި ހުރެ ގޮވާލިއެވެ. އެއީ އޭނާދެކެ ލޯބިވި، އެހެނަސް ކައިވެނީގެ އުފާވެރިކަމުގެ ގޮށުން އެދެމީހުން ބަނދެވުމުގެ ކުރިން މަރުވެ އޭނާއާ ވަކިވެގެންދިޔަ އޭނާގެ ލޯބިވެރިޔާ އަށްޓަކައި ކިޔެވޭ މަރުސިޔާ އެކެވެ. ނުވަތަ ޅެމެކެވެ. ޝަކީލު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓް ވެއްޓި އޭނާ މަރުވެގެންދިޔަ ހިތާމަވެރި ޙާދިސާ އަދިވެސްވަނީ ވޭންދެނިވި ހަނދާންތަކެއްގެ ގޮތުގައެވެ. ތާޒާކަންމަތީ ޤަބޫލްކުރަން ދަތިގޮތެއްގައެވެ. ކުޑަ ހިނދުކޮޅެއް ކުރީން އެމީހެއްގެ ތުންފަތުން އޭނާގެ ކޯތާފަތުގައި ބޮސްދިން މީހާގެ ފުރާނަ ހަމަ އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން ހަށިގަނޑާ ވަކިވެ، ވަޔާއެކުވެގެން އަރައިގެންދާ މަންޒަރު ދެކެން ކުޅަދާނަވާނީ ކާކަށް ހެއްޔެވެ.

ޝަކީލް މިދުނިޔެއަށް އަލްވަދާޢު ކިޔައިފަ ދިއުމުން ޝަހީމާ ވެސް ޖެހެނީ މިދުނިޔެ ދޫކޮށް ދާށެވެ. އެދެމީހުންގެ އެކުވުން މިހާރުވަނީ މަރުވުމުގައެވެ. ކައިވެންޏަކު ނޫނެވެ. މިހާރު ޝަހީމާގެ ޙަޔާތުގައި ބާކީވެފައިވާހާވެސް ކަމަކީ ގޮނޑުދޮށުގެ އައްސޭރިފަށުގައި ބޭއްވުމަށް މިހާރު އޭނާ ތައްޔާރުވަމުން އެދާ އެކަނިވެރި އިޙްތިފާލެވެ.

“ޝަކީލް……” ޝަހީމާ، އޭނާގެ ނަފްސު ތަޤްދީރާ ޙަވާލުކުރުމުގެ އިޢުލާން ކުރުމަށް ތައްޔާރުވަމުން ދިއުމާއެކު އޭނާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ. “އަހަރެން ކަލާއާ ބައިވެރިވުމަށް މިއަންނަނީ އެވެ. ލޯބިވާއެވެ. ވަރަށް އަވަހަށް އަހަރެމެން ދެމީހުން ބައްދަލުވެ އެކުގައިވާނަމެވެ.” ވަރަށް ވަރުގަދަޔަށް އަޒުމް ކަނޑައަޅައިފަވާ ޝަހީމާގެ ފައިތިލަތަކުގެ ބާރުގައި، ތިރިއަށް ގޮނޑުދޮށުގެ ލޮނުގަނޑާ ހަމަޔަށް އޭނާ ގެންގޮސްފިއެވެ. އެވަގުތު މޫދުގެ ލޮނުގަނޑު އައިސް، އޭނާ އަރައިގެންހުރި، ކަޅުކުލައިގެ ފައިވާން ތެންމާލައިފިއެވެ. އެހިނދު ޝަހީމާގެ ހަށިގަނޑުވަނީ ފިނީގެ ސަބަބުން އައްސިވެފައެވެ. އަދި އެވަގުތު އޭނާ ހުރީ ދުންޔަވީ ހުރިހާ އިޙްސާސް ތަކަކަށްވެސް އައްސިވެފައި ކަހަލައެވެ. ދިއްލިފައިވާ ރިހިކުލައިގެ ހަނދުވަރުގެ ތެރެއަށް ބަލައިލުމާއެކު، އޭނާގެ ލޯބިވެރިޔާ އޭނާގެ އިސްތިޤުބާލުގައި ތައްޔާރުވެ ހުރި ކަމުގެ އިޝާރާތެއްގެ އިންތިޒާރުގައި މަޑުކޮށްލިހެން ހީވިއެވެ.

އެވަގުތު އުޑުމަތީން ފާއްދަމުންދިޔަ ހަމައެކަނި އަލިކަމުގެ އަސްލު ކަމުގައިވާ ހަނދުގެ މަތިން ވިލާގަނޑެއް ހުރަސްކޮށްފިއެވެ. ހަމަ އެހިނދު ޝަހީމާ ކުރިއަށް ފިޔަވަޅުތަކެއް އަޅަމުންދިޔައެވެ. މިހާރު އޭނާގެ ސްކާރޓް ވަނީ ތެމިފޯވުމުގެ ސަބަބުން އޭނާގެ ގައިގަ ތަތްލަވާފައެވެ. މިކަމުގެ ސަބަބުން ޝަކީލު ނޫނަސް އެތަކެއް ފިރިހެނުންގެ ތަޢުރީފު ލިބިފައިވާ އޭނާގެ ރީތި ހަށިގަނޑުގެ ވަނާތައް ފާޅުވޭވޭ ހުއްޓެވެ.

“އަންހެންކުއްޖާއެވެ، ކީއްކުރަނީ ހެއްޔެވެ؟” ފަހަތުން ފިރިހެނެއްގެ އަޑު އިވުނެވެ. މިހެން ބުނުމާއެކު އެމީހާގެ ބާރުގަދަ ދެއަތުން މޫދުގެ ތެރެއިން ޝަހީމާ ސަލާމަތްކޮށްގެން ފަހަތަށް ދަމައިގެންފައި ގެންދަން ފަށައިފިއެވެ. “ތިކުއްޖާ މޮޔަވީހެއްޔެވެ؟ އަންނާށެވެ. މޮޔައަންހެން ކުއްޖާއެވެ!”

ޝަހީމާ އެފިރިހެންމީހާގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރިއެވެ. އެކަމަކު އޭނާއަށް ދިމާވެފައިވާ ހިތާމަވެރި ޙާލަތުގެ ސަބަބުންނާއި އޭނާގެ ބަލިކަށިކަމުގެ ސަބަބުން އެމީހާއާ ދެކޮޅުހެދޭ ވަރެއް ނުވިއެވެ. އެމީހާ ޝަހީމާގެ ތެމިފައިވާ ބަލިކަށި ހަށިގަނޑު އޭނާގެ ބާރުގަދަ މުލައްދަޑިން އުފުލައިގެން އެއްގަމަށްއަރައި، އެދިމާ ރަށުތެރެއިން ފަނޑުފަނޑު އަލިކަމެއް ދެމުންދިޔަ ކުޑަވަރެއްގެ ގެއަކާ ދިމާއަށް އަންނަން ފަށައިފިއެވެ.

ދަނޑިފަނުން ހަދާފައިހުރި އެޢިމާރާތުގެ ތެރޭގައި، އެފިރިހެންމީހާ ޝަހީމާއަށް ރަޖާގަނޑެއް ގެނެސްދިނެވެ. އަދި އޭގެފަހުން ސައިތައްޓެއް ވެސް ހަދައިގެން ގެނެސް ދިނެވެ. އެމީހަކީ ބޮޑުކޮށް ހަށިގަނޑުހެދިހުރި ފެންނަފެނުމުގައި ހަށިގަނޑުގެ ކުލަ ހިސާބަކަށް ކަޅު މީހެކެވެ. އެ ކުޑަވަރެއްގެ ގޭގެ ތެރޭގައި، އެފިރިހެންމީހާ ފަރިތަކަމާއެކު ޙަރަކާތްތެރިވެ އުޅުނުއިރު އެމީހާގެ ހިތްހެޔޮކަން މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. އޭނާ ދިން ސައިތަށި ޝަހީމާގެ ތުރުތުރުއަޅަމުންދިޔަ އަތުގެތެރޭގައި ބޭނުން ނުކޮށް ހުއްޓެވެ. މިތަން ފެނުމުން އެ ސައިތަށި އަތުލުމުގެ ޤަޞްދުގައި އެފިރިހެންމީހާ އަތްދިއްކޮށްލި ވަގުތު އެދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ލޮލަށް ބަލާލެވުނެވެ. އެވަގުތު އެފިރިހެންމީހާގެ މޫނުމަތިން ފާޅުވަމުންދިޔަ ނޭގޭފަދަ ޝަޥްޤުވެރިކަމެއްގެ ސަބަބުން ޝަހީމާ ކުޑަކޮށް ބިރުގަންނަގޮތް ވިއެވެ.

ފިނީގެ ސަބަބުން ހީކަރުވަމުންދާތީ، ތުރުތުރުއަޅާޙާލު އޭނާ ކުއްލިއަކަށް ކޮއްޅަށް ތެދުވެއްޖެއެވެ. އެވަގުތު އޭނާގެ ކޮނޑުމަތީގައި އަޅައިފައޮތް ރަޖާގަނޑު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. “އަހަރެން……. އަހަރެން ދާންޖެހެއެވެ.” އޭނާ ބުންޏެވެ.

އެ ފިރިހެންމީހާ ކުއްލިއަކަށް ފުންމައިގެންގޮސް ދޮރުމައްޗަށް އަރައި، ޝަހީމާޔަށް ހުރަސް އެޅިއެވެ. “ނޫން، އަންހެންކުއްޖާއެވެ، އަހަރެން ތިކުއްޖާ ދިޔަކަ ނުދޭނަމެވެ. ހަމަގައިމުވެސް ރައްކާތެރިކަމެއްނެތް މިފަދަ ވަގުތެއްގައި ދިޔަކަ ނުދޭނަމެވެ.” މިހެން ބުނި އިރު އެމީހާގެ ތުންފަތްވަނީ ޝަހީމާގެ ތުންފަތާއި އިންޗި ތަކެއްގެ ދުރުމިނުގައެވެ. އަދި އެތުންފަތުން ދެމުންދިޔަ އިންޒާރުތަކެއްގެ ސަބަބުން ޝަހީމާ ބިރުން ރޫރޫއަޅައިގެން ދިޔައެވެ.

ޝަހީމާ ފުންނޭވާއެއްލިއެވެ. ހަމަ އެވަގުތު ޝަހީމާގެ އިޙްސާސްތައް އަވަސްވެގެން ދިޔައެވެ. އަދި އޭނާގެ ހަށިގަނޑުން ހީބިހިތަކެއް ނަގައި ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. އޭރު ޝަހީމާ ލައިގެން ހުރި ތެމިފައިވާ ސްވެޓަރުން އޭނާގެ މޭމަތީގެ ވަނާތައް އިތުރަށް ފާޅުވެގެން ދިޔައެވެ. ރާޝިދުގެ ލޯވަނީ އެދިމާއަށް ހުއްޓިފައެވެ. “އެއްފަރާތަކަށް ޖެހޭށެވެ.” ޝަހީމާ ބުންޏެވެ.

ރާޝިދު ހަށަންބަނދެގެންކަހަލަގޮތަކަށް އެތައް އިރެއްވަންދެން އެތާ ކޮއްޅަށް ހުއްޓެވެ. “އަހަރެން މިފަދަވަގުތެއްގައި ކަލާ ދިއުމުގެ ހުއްދައެއް ނުދޭނަމެވެ.”

“އެކަމަކު އަހަރެން ދާންޖެހެއެވެ.” ޝަހީމާ ރޮއިގެންފިއެވެ. ” ކޮ…. ކޮންމެވެސް މީހަކު އަހަންނަށް އެބަ އިންތިޒާރު ކުރެއެވެ.”

“އެތާ ގޮނޑޮދޮށުގައި އެއްވެސް ފުރާނައެއް ނެތެވެ.” ރާޝިދު ކުޑަދޮރުން ބޭރުބަލައިލަމުން ބުންޏެވެ. “ތޫފާނެއް އަންނަން އުޅޭހެންވެސް އެބަހީވެއެވެ. އަދި ތެމިފޯވެފައިވާ ތިޔަ ހެދުމުގައި ބޭރަށް ގޮސްފިނަމަ ކަލާ ހުންއައިސް ބަލިވެދާނެއެވެ. ވީމާ މިތަނުގައި މިރޭ ހޭދަކޮށްލާށެވެ.”

ޝަހީމާ، އެ ކޮޓަރި ތެރޭގައިހުރި ހަމައެކަނި އެނދަށް ބަލާލުމަށްފަހު، އޭނާއަށް މަޖުބޫރުކުރަމުންމިދާ މެހުމާންދާރުގެ މޫނުމައްޗަށް ބަލައިލިއެވެ.

“އެކަމާ ހާސްނުވާށެވެ.” އޭނާ ޖަވާބުދިނެވެ. “އަހަރެން ތަޅުންގަނޑު މަތީގައި ނިދައިފާނަމެވެ.” އެވަގުތު އެ ކުޑަކުޑަ ގޭގެ އެކިފަރާތްފަރާތުން އިވެމުންދިޔައީ ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުން އުފައްދަމުންދިޔަ ބިރުވެރި ނާމާން އަޑުތަކެވެ. މިކަމުގެ ސަބަބުން އެ ގެއަކީ މި ބިރުވެރި މާޙައުލުގައި ސަލާމަތްތެރިކަން ލިބިގެންވާ ހަމައެކަނި ތަން ކަމުގައި ޝަހީމާއަށް އިޙްސާސް ކުރެވުނެވެ.

ރާޝިދު، ދޮރުކައިރީގައި އެލުވާފައިއޮތް ހެދުންއަޅުވާ ކޮނޑަކުން ނިދާހެދުމެއް ދަމައިގެންފައި ޝަހީމާއާ ދިމާއަށް ދިއްކުރި އެވެ. “ތެމިފައިއޮތް ހެދުން ބޭލުމަށްފަހު މިހެދުން ލާށެވެ.” ޤަޞްދަކާނުލައި މަޑުމަޑުން އެހެދުމާ ދިމާއަށް ޝަހީމާގެ އަތް ދިއްކޮށްލެވުނެވެ. “އަނެއްފަރާތަށް ކަލާގެ މޫނު އަނބުރައިލަދެއްވުން އެދެމެވެ.” ކުރިން އިންތިޒާރު ކުރެވިފައިނުވާ ކަރުނަތަކަކުން އޭނާގެ ލޯ ފުރިގެންދިއުމާއެކު ބުންޏެވެ. ޝަހީމާ އޭނާގެ ސްކާރޓް ބާލައިފިއެވެ. ދެން އޭނާ ލައިގެން ހުރި ސްވެޓަރ އޭނާގެ ބޯމަތިން ދަމައިގެންފައި، އެނދުގެ އަތްގަނޑު މަތީގައި އެތަކެތި އަޅުވައިފިއެވެ. ދެން ނިދާހެދުން ލުމަށްފަހު މަޑުމަޑު ގިސްލުމަކާއެކު، ވަރުބަލިވެފައިވާ އޭނާގެ ބޯ އަތުތެރެއަށްލައިގެން ކަހަލަގޮތަކަށް އެނދުގައިވާ މަޑުގޮދަޑީގެ ތެރެއަށް ގެނބިގެންފިއެވެ.

ރާޝިދު މަޑުމަޑުން ޝަހީމާއާ ކައިރިވިއެވެ. އޭނާ ކައިރިވީ، އޭނާއަށް ކުރެވޭ ޙަރަކާތެއްގެ ސަބަބުން ފަހަރެއްގައި ޝަހީމާ ދުވެ ފިލައިފާނެކަން ވިސްނޭތީ ބަލައިގެން މަޑުމަޑުންނެވެ. އެނދުގެ ކައިރީ ދެކަކޫ ޖައްސައިގެންހުރެ ޝަހީމާގެ ކުޑަކުޑަ ދެއަތް އޭނާގެ އަތު ތެރެއަށް ލުމަށްފަހު މަޑުމަޑުން ބުންޏެވެ. “ކަލާ ތިޔަހައި ހިތާމަވެރިވެފައިވަނީ ކޮންކަމަކާ ހެއްޔެވެ.؟”

ޝަހީމާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. “ކަލާ އަހަރެން ގޮވައިގެން ގެނައީ ކީއްވެ ހެއްޔެވެ؟ އަހަރެން އެކަނިހުރެ މަރުވުމަށް ދޫކޮށްނުލީ ކީއްވެ ހެއްޔެވެ؟”

“އެހެންވީމާ އޭގެމާނައަކީ އެއްވެސް މީހަކު ގޮނޑުދޮށުގައި ކަލާގެ އިންތިޒާރުގައި ނެތީތާއެވެ!” ރާޝިދު ޝަހީމާއާ ޖެހިގެން އެނދުގައި އިށީންނަމުން ބުންޏެވެ. ޝަހީމާގެ ހަށިގަނޑު ކިތަންމެވަރަކަށް ފިނިވެފައިހުރި ނަމަވެސް ރާޝިދުގެ ހަށިގަނޑުގައި އުފެދެމުން ބޭރުވަމުންދާ ހޫނުކަން އަލިފާން ފަދައެވެ.

“އެކަމަކު އެތާ…. ހުއްޓެވެ.” ޝަހީމާ އޭނާގެ އަޑަށް ބާރުލައިފަ ބުންޏެވެ. ޝަހީމާގެ ދިއްލިފައިވާ ލޮލުން ފޭބި ކަރުނަތައް އޭނާގެ ކޯތާފަތްމައްޗަށް ފައިބަން ފަށައިފިއެވެ.

“އެކުގައި މަރުވާނެ ބައިވެރިއެއް ހެއްޔެވެ.” ރާޝިދު އަރަތެއް ސާފުނުވެފައި ހުރި ފަދައިން ހުރެ ސުވާލުކުރިއެވެ.. “މަރުވުން އެއީ އަހަރުމެން އެންމެންނަށް ވެސް އަންނާނެ ދުވަހެކެވެ. އެދުވަސް އަހަރުމެންނަށް އަންނަނީ ކޮންމެ މީހަކަށްވެސް ވަކިވަކިންނެވެ. އަދި އަހަންނަށް ނުވިސްނިގެން މިއުޅެނީ ތިޔަފަދަ ޒުވާން ރީތި އަންހެންކުއްޖަކު މިފަދަ ވަގުތެއްގައި ތިޔަކަހަލަ ކަމެއް ކުރަން ބޭނުން ވެގެން އުޅެނީ ކީއްވެގެން ކަމެވެ.” ރާޝިދު، ޝަހީމާގެ ދަތްދޮޅިދަށުގައި އޭނާގެ އިގިލިޖައްސައިފަ ޝަހީމާގެ މޫނު ރާޝިދާ ދިމާއަށް އަނބުރައިލިއެވެ. ޝަހީމާގެ ލޮލުގައިވަނީ ބިރުވެރިކަމާއި ހިތާމަވެރިކަމާއި ކޮންމެވެސް ވަރެއްގެ މޮޔަކަމެއް އެކުވެ މަސްހުނިވެފައިވާ އަސަރުތަކެކެވެ.

“އަހަރެން ކަލާގެ ގައިގަ ހިފަހައްޓަން ދީބަލާށެވެ” ރާޝިދު މަޑުމަޑުން އަމުރުވެރި ރާގަކަށް ބުނެލިއެވެ. އޭނާގެ އަތުން ޝަހީމާގެ ލޫޅާފަތި ދެކޮނޑުގައި ހިފަހައްޓައިފިއެވެ. ޝަހީމާ ދެކޮޅުވެރިކަމެއް ނުދައްކައެވެ. މަޑުމަޑުން ޝަހީމާއަށް އިޙްސާސް ވަމުންދިޔައީ ރާޝިދުގެ ހަށިގަނޑުން ބޭރުވަމުން ދިޔަ ހޫނުކަމުގެ އިޙްސާސެވެ. ނަމަވެސް އެއިޙްސާސްތަކުގައި ނުރުހުމާއި ނަފްރަތުކަން އެކުލެވިފައި ވާހެނެއް ހީއެއްނުވެއެވެ.

ޝަހީމާ ގިސްލާ ކޮންމެފަހަރަކު ރާޝިދު އޭނާގެ ހަށިގަނޑާއި ކައިރިކޮށް ފިއްތާލައެވެ. އެންމެފަހުން ޝަހީމާގެ ރުއިމާއި ގިސްލުން މުޅިން ހުއްޓިއްޖެއެވެ. މިހާރު ޝަހީމާގެ ލޮލުގައިވަނީ ވަރުބަލިވެފައިވާ އެހެނަސް ޝުކުރުން ފުރިގެންވާ ޝުޢޫރުތަކެކެވެ. ރާޝިދުގެ ބާރުގަދަ، އަދި ކުރަކި އިނގިލިތަކުން ޝަހީމާގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. “އަހަންނަށް ތަންކޮޅެއް ކުރިން ކުޑަދޮރުންބޭރަށް ބަލާލެވި، ކަލާ ގޮނޑުދޮށުން ފެނުމުގައި، ފަހަރެއްގައި، ފޮރުވިފައިވާ ކޮންމެވެސް ސަބަބުތަކެއް ވާނެއެވެ.” އޭނާ ސަމާސާ ކޮށްލިއެވެ. “ފަހަރެއްގައި ތަޤްދީރުގައި ލިޔެވިފައިވަނީ ކަލާ ސަލާމަތްކުރުމުގެ ފުރުސަތު އަހަންނަށް ލިބުމަށެވެ.” އޭނާގެ ތުންފަތް ފުރަތަމަފަހަރަށް މަޑުމަޑުން ޝަހީމާގެ ތުންފަތުގައި ޖައްސައިލިއެވެ. ދެން މަޑުމަޑުން މިގޮތުގައި ކުރިޔަށް ދިޔައެވެ. ވިސްނުމަކާނުލައި ޝަހީމާގެ އިޖާބަދިނުން ވެސް ލިބެމުން ދިޔައެވެ. ޤަޞްދަކާނުލައި ޝަހީމާ ރާޝިދުގެ ހަށިގަނޑުގެ ހޫނުކަމުން އުފާ ލިބިގަންނަމުން ދިޔައެވެ.

ކުޑައިރުކޮޅެއްފަހުން ޝަހީމާ ކުއްލިއަކަށް ކޮއްޅަށް ތެދުވެއްޖެއެވެ. އޭރު އޭނާ ލައިގެން ހުރި ނިދާހެދުން ވަނީ ކުރިމަތިން ހުޅުވާލެވި ހާމަވެފައެވެ. އެދިމާލުން އޭނާގެ މޭމަތި ރީތިކޮށް ހާމަވާން ހުއްޓެވެ. “އަހަރެންގެ ގައިގަ ތިބާ އަތްލައިގެން ނުވާނެއެވެ.” ރާޝިދާއި ދުރަށް ފަހަތަށް ޖެހެމުން އޭނާ ބުންޏެވެ. “ޝަކީލް!….. މާތްކަލާކޯ!…….. ޝަކީލް!…….. އަހަންނަށް މިވަނީ ކީއްހެއްޔެވެ؟”

“މަޢާފް ކުރާށެވެ.” ރާޝިދު ބުންޏެވެ. “އަހަރެންގެ މަޤްޞަދަކީ ކަލާއަށް މަޖްބޫރު ކުރުމެއް ނޫނެވެ.”

“ކަލާގެ މަޤްޞަދު؟……… ކަލާގެ މަޤްޞަދަކީ ކޮބައިކަމެއް ނުވަތަ އެހެންކަމެއްވެސް ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ… ނޫނީ ކަލާއަކީ ކާކުތޯ ބަލާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.” ޝަހީމާގެ ހަޅޭކުގެ އަޑާއެކު އޭނާގެ ކަޅުކުލައިގެ ދެލޮލުން އާދަޔާޚިލާފު ވިދުވަރެއް ފާޅުވޭވޭ ހުއްޓެވެ.

ޝަހީމާއަށް އިޙްސާސް ވަމުންދިޔަ ފިނިކަން މިހާރު ފިލައިފިއެވެ. އޭގެ ބަދަލުގައި މިހާރު ފާޅުވޭވޭ ހުރީ ރުޅިވެރިކަމުގެ އަލިފާނެވެ. މި ނުދަންނަ މީހާ ދެކެއެވެ. ޝަކީލު ދެކެއެވެ. އަދި އޭނާގެ ޙަޔާތް ދެކެއެވެ. އެއީ އޭނާއަށް މިފަދަ ވޭންތަކަކާއި ރިހުންތަކެއް ބަރުދާސްތުކުރަން މެދުވެރި ކުރުވުމުންނެވެ.

“އަހަންނަކީ ރާޝިދު ޢަލީ އެވެ.” އޭނާ މާތްމީހެއް ފަދައިން ބުންޏެވެ. “އަހަންނަށް އޮޅިފައި ނުވާނަމަ ހަމައެކަނި މިހިނދުކޮޅަށްޓަކައި ނަމަވެސް އަހަރެން ކަލާގެ ފުރާނަ ސަލާމަތްކޮށް ދިނީމެވެ. އަންހެންކުއްޖާއެވެ. އަހަންނަކީ ކަލާ ނަމަ ތަންކޮޅެއް އަޑު މައިތިރިކުރުމާއެކު ކޮންމެވެސް ވަރެއްގެ ޝުކުރުވެރިކަމެއް ދެއްކީމުހެވެ.”

މިބަސްތަކުގެ ސަބަބުން ޝަހީމާގެ އަޑު އަނެއްކާވެސް މަޑުވިއެވެ. އެވަގުތު އޭނާގެ ހަށިގަނޑުގެތެރޭގައި ތަފާތު އިޙްސާސްތަކަކާއި އަސަރުތަކެއް އުފެދެމުން ދިޔައެވެ. “ކަލާއަކަށް އެއްވެސްކަމެއް ނޭގެއެވެ.” ޝަހީމާ، ދެކޮޅުވެރިކަން ފާޅުކުރިއެވެ. “އަހަރެންގެ ލޯބިވެރިއާ ނުވަތަ އަހަރެން އެމީހަކާއި ކައިވެނިކުރުމަށް ހަމަޖެހިފައިވާ މީހާ މަރުވިތާ އަދި އެންމެ 10 ދުވަސް ވެސް ނުވެއެވެ. އަހަރެންނަކީ މައިންބަފައިން މަރުވެފައިވާ އެކަނިވެރިއަކީމެވެ. އަދި އަހަރެންދާނެ އެއްވެސް ތަނެއް ނެތެވެ. އަހަރެންގެ ހަޔާތުގައި މިހާރު ބާކީވެފައި އެއްވެސް އެއްޗެއް ނެތެވެ.”

“ކަލާ ތިޔަދައްކަނީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ.” ރާޝިދު މަޑުމަޑުން ޝަހީމާއާ ކައިރިއަށް އަންނަމުން ބުންޏެވެ. “ކަލާގެ އަތުގައި ކަލާގެ މުޅި ޙަޔާތް އެބައޮތެވެ. މަރާ ކައިރިއަށް ދިއުމުގެ ނުވަތަ މަރުގެ މުށުތެރެއަށް ވަދެގަތުމަށް އަވަސްވެގަތުމުގެ ބޭނުމެއްނެތެވެ. ހަމައެކަނި ފިނޑިއެއް، ނުވަތަ ކޮންމެވެސްކަމަކާ ބިރުގަނެފައިވާ ކުޑަކުއްޖަކު މެނުވީ ތިޔަފަދަ ތާކުންތާކުނުޖެހޭ މޮޔަ ނިންމުމެއް ނުނިންމާނެއެވެ.”

“ފަހަރެއްގައި އަހަންނަކީ ތިޔަ ދެކަންތައްވެސް އަހަރެންގެ ނަފްސުގައި އެކުލެވިގެންވާ މީހަކީމެވެ.” ޝަހީމާ މަޑުމަޑުން ބުނެލިއެވެ.

“އަހަންނަކީ ކަލާގެ ހިތްވަރު ކަމުގައި ހަދާށެވެ.” ރާޝިދު އިޚްލާޞްތެރިކަމާއެކު އާދޭހުގެ ރާގެއްގައި ބުނެލިއެވެ. “އަހަންނަކީ އެކަނި އުޅޭ މީހަކީމެވެ. އަހަރެންގެ އަތުގައި އެހާބައިވަރު ފައިސާތަކެއް ނެތެވެ. އެކަމަކު އަހަރެންގެ ގެއާއި އަހަރެންގެ އަތުގައިވާ ހުރިހާއެއްޗެއް ކަލާއަށްޓަކައި ހުށަހަޅަމެވެ.”

މިފަހަރު މި ބީރައްޓެހިމީހާގެ މޫނާއި އޭނާގެ މޫނު ކައިރިކުރީ ޚުދު ޝަހީމާއެވެ. ޝަހީމާގެ ލޯ އެދެމުންދަނީ އެމޫނުގައި އޭނާ ބޮސްދިނުމަށެވެ. ރާޝިދު އެއެދުމަށް އިޖާބަދިނެވެ. އޭނާގެ ދެއަތް ޝަހީމާގެ ގައިގައި ބައްދާލުމަށްޓަކައި ދިއްކުރިއެވެ. ޝަހީމާ ތުރުތުރުއަޅަން ފަށައިފިއެވެ. އެކަމަކު މިފަހަރު އެއީ ބިރުގަތުމުގެ ސަބަބަކުން ނުވަތަ ފިނިގަދަވުމުގެ ސަބަބަކުންނެއް ވެސް ނޫނެވެ. އެއީ ޝަހީމާގެ ހިތުގައި ފުރިއުތުރިގެންދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. އެއީ ޙަޔާތުގެ ޙަޤީޤީ ލައްޒަތެވެ. -ނިމުނީ-