ށ. ފުނަދޫގައި މޫދަށް ވެއްޓި، ކަރުގައި ކަންވާރު އޮޅިގެން މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ ރަށު ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެ އުޅުމުގެ ތެރޭގައި މަހެއް ގަނެގެން މޫދަށް ވެއްޓި، ކަރުގައި ކަންވާރު އޮޅިގެން މީހަކު ނިޔާވެފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 11:26 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެމީހާ ފުނަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މީހާ މޫދަށް ވެއްޓިފައި ވަނިކޮށް ފެނިފައި ވަނީ އެ ސަރަޙައްދުގައި އުޅުނު ދޯންޏަކަށް ކަމަށެވެ. އަދި އެ މީހާ މަސްވެރިކަމަށ ގޮސްފައިވަނީ ޑިންގީއެއްގައި އެކަނި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.