ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހދ. އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް ޞާލިޙް އުތުރުގެ ބައެއް ރަށްރަށަށް ފެއްޓެވި މިދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހދ. ނޭކުރެންދޫ އަށެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ.
ރައީސް ޞާލިޙް ވަނީ މިއަދު ނޭކުރެންދޫގައި ކުރިއަށްގެންދިޔަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ޙަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ޞާލިޙް މިއަދު ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި ބާއްވާ އުތުރުގެ އަތޮޅުތަކުގެ މަހާސިންތާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް އިތުރު ރަށްރަށްވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފަށައިފަ އެވެ.
ރާއްޖޭގެ ކަނޑުފަޅުތަކުގައި އެ ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމަށްޓަކައެވެ. އެ ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޒަރިއްޔާއިން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި މި މަޢުލޫމާތު ބޭނުން ކުރެވޭނެއެވެ.
އެ ދިރާސާގެ އެންމެ ފުރަތަމަ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވެއިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް ފޮރ އޯޝަނޯގްރަފީގެ ސޭންޑިންގ ލެބާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. ސައްބީސް ދުވަހުގެ މިދަތުރުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ޙާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޢުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާއި އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެ އެވެ.