English Edition
Dhivehi Edition
ބޯފެން ތާންގީތަކެއް - ފޮޓޯ: މިނިވަން ނިއުސް އާކައިވް

ހޫނު މުސުމުގައި ފެނަށް ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ، ފެން ހުސްވާނެކަމަށް އަންދާޒާ ކުރެވޭ ތާރީޚުގެ 14 ދުވަސް ކުރިން އަންގަންވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން މިއަދު ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީ އިން ހަމަޖައްސާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން ބުނީ އެރަށެއްގެ އިޖްތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި ޓޭންކްތަކުގައި ފެން ރައްކާކުރެވިފައި ހުރި މިންވަރާއި، ރަށުގައި އާންމުކޮށް ފެން ބޭނުންކުރެވޭ މިންވަރާ އަދި ރަށުން ފެން ހުސްވަމުންދާ މިންވަރު ޤަވާއިދުން ބެލުމަކީ ރަށު ކައުންސިލުގެ ޒިންމާއެއް ކަމަށާއި، އެ މަޢުލޫމާތު މަހަކު އެއް ފަހަރު ޤަވާއިދުން އެ މިނިސްޓްރީގެ އީމެއިލް އަށް ފޮނުވަންޖެހޭނެ ކަމަށެވެ.

އަދި ފެނަށް ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ، “ބޯފެނަށް އެދި ހުށަހަޅާ ފޯމް” ފުރުމަށްފަހު، ފެނަކަ ބްރާންޗެއް ހުރި ރަށެއްނަމަ އެ އޮފީހަކަށް ނުވަތަ ފެނަކަ ބްރާންޗެއް ނެތް ރަށެއްނަމަ، ފެނަކަ ހެޑް އޮފީހަށް ފެން ހުސްވާނެކަމަށް އަންދާޒާ ކުރެވޭ ތާޜީކުގެ 14 ދުވަސް ކުރިން އެރަށެއްގެ ކައުންސިލުން ފޮނުވަންވާނެ ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.

އަދި ފެނަކަ ބްރާންޗަށް ފޯމް ހުށަހެޅި ނަމަވެސް، ފޯމުގެ ކޮޕީ އަށް އީމެއިލްކުރަންވާނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން ބުނީ ފެން ފޯރުކޮށްދިނުމުގެ މަސައްކަތަކީ ގިނަ މަރުހަލާތަކެއްގެ މައްޗަށް ބަރޯސާވާ މަސައްކަތަކަށްވާތީ، އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 14 ދުވަހުގެ މުހުލަތެއް ބޭނުންވާ ކަމަށެވެ. އަދި ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ފެނަކައިން ފެން އުފުލުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެއްތަނުން އަނެއް ތަނަށް ފެން އުފުލުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.