English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

އިއްޔެ އަވަހާރަވި އޮމާންގެ ރަސްގެފާނު ސުލްތާން ޤަބޫސް ބިން ސަޢީދު އަލް ސަޢީދު އަކީ އެޤައުމަށް ތަރައްޤީ އާއި ތަނަވަސްކަން ގެނެސްދެއްވި ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އޮމާންގެ ރަސްގެފާނު، ހިޒް މެޖެސްޓީ ސުލްތާން ޤަބޫސް ބިން ސަޢީދު އަވަހާރަވިކަމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

އަދި ސުލްތާން ޤަބޫސް އަކީ އޮމާން އަށް ތަރައްޤީއާއި ތަނަވަސްކަން ގެނެސްދެއްވައި، ގަލްފް ސަރަޙައްދާއި މުޅި ދުނިޔޭގެވެސް ހަމަޖެހުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ‘ވިޝަނަރީ’ ލީޑަރެއް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.

ސުލްތާން ޤަބޫސް އަވަހާރަވެފައި ވަނީ ޢުމުރުފުޅުން 79 އަހަރުގަ އެވެ. ސުލްތާން ޤަބޫށް ފާހަގަވެފައި ވަނީ ޢަރަބި ލީޑަރުންގެ ތެރެއިން އެންމެ ގިނަ ދުވަހަށް ވެރިކަމުގައި ހުންނެވި ރަސްކަލެއްގެ ގޮތުގައެވެ.

ސުލްތާން ޤާބޫސް ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާތީ ބެލްޖިއަމްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ތެރޭގައެވެ.

1970 ވަނަ އަހަރު ސުލްތާން ޤާބޫސް ވަނީ އިނގިރޭސީންގެ ޙިމާޔަތާއެކު ބައްޕާފުޅުގެ ވެރިކަން ނިމުމަކަށް ގެނެސް ތަޚުތަށް އިސްވެފައެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ އޮމާން، ސުލްތާން ޤާބޫސްގެ ރަސްކަމުގައިވަނީ ވަރަށް ބޮޑަށް ތަރައްޤީކޮށްފައެވެ. ސުލްތާން ޤާބޫސް އަވަހާރަވީއިރު ކައިވެނި ބައްލަވާފައެއް ނުވެއެވެ. އެހެންކަމުން ތަޚުތަށް އިސްކުރައްވާނެ ދަރިކަލަކުވެސް ނެތެވެ.

ރަސްގެފާނު އިއްޔެ އަވަހާރަވެފައިވާއިރު އެކަން ރަސްމީކޮށް އިޢުލާން ކުރީ މިއަދުއެވެ.

ސުލްތާން ޤަބޫސް އަވަހާރަވުމާއި ގުޅިގެން މިހާރު އެޤައުމުގެ ރަސްކަމަށް ޚައިތަމް ބިން ޠާރިޤު އަލް ސައިދް ވަނީ އިސްކުރައްވައިފަ އެވެ. މިހާތަނަށް ކަލްޗަރަލް މިނިސްޓަރ ކަމުގައި ހުންނެވި ޚައިތަމް އަކީ ސުލްތާން ޤަބޫސްގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާއިރު، އޭނާ އަކީ ސުލްތާން ޤަބޫސް އަވަހާރަވުމުގެ ކުރިން އޮމާންގެ ރަސްކަމަށް ގެނައުމަށް ނިންމަވާފައިވާ ބޭފުޅާވެސް މެއެވެ.

ސުލްތާންއަކީ އެޤައުމުގެ ހުރިހާ ކަމެއްގެ އެންމެ އިސްވެރިޔާއެވެ. އެއީ ބޮޑު ވަޒީރުގެ އިތުރުން ޑިފެންސާއި،ފައިނެންސާއި އަދި ފޮރިން އެފެއަރޒްގެ ވެސް މިނިސްޓަރެވެ.