English Edition
Dhivehi Edition

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 1.56 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން ނޮވެމްބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 74 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.

މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 8.9% އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 26.6% އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓީޖީއެސްޓީ އާއި ވިތުހޯލްޑިންގ ޓެކްސް އާއި އެއާޕޯޓް ސަރވިސް ޗާޖާއި ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 42.1% ނުވަތަ 658,038,239 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 23.2% ނުވަތަ 361,954,466 ރުފިޔާ އެވެ.

މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 7.7.% ނުވަތަ 120,962,060 ރުފިޔާ ލިބިފައިވާއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައި ވަނީ 4.9% ނުވަތަ76,700,000 ރުފިޔާ އެވެ.

އަދި ގްރީން ޓެކްސްގެ ގޮތުގައި 4.4 ޕަސެންޓް ނުވަތަ 68,791,019 ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިދިޔަ ޑިސެމްބަރު މަހު ލިބުނު ފައިދާ އިތުރުވެފައިވާއިރު، ނޮވެމްބަރު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 1.15 ބިލިއަން ރުފިޔާ އެވެ.