English Edition
Dhivehi Edition

ކ.ގުރައިދޫގައި ޤާއިމުކުރެވިފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކުރައްވައިފިއެވެ.

ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިމްރާން އިބްރާހީމެވެ.

ޖެންދަރ މިނިސްޓްރީއިން މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށާއި، އިމަޖަންސީ ނުވަތަ ކުއްލި ޙާލަތުތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ޤާއިމުކުރުމަށްކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.

ގުރައިދޫ މަރުކަޒުގައި މި ވަގުތު ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 200 މީހުން ދިރިއުޅެމުންދެއެވެ.