ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށްކަމަށްވާ ގުރައިދޫ، މާފުށި، ގުޅީގެ އިތުރުން މާލެ ސިޓީގެ ބައި އިލެކްޝަން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން 16:00އަށެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށި ބަހައްޓާފައިވާއިރު އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި މާލޭ އިއްޒުއްދީން ސްކޫލްގައި 1 ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހަވީރު 16:00 ވާއިރު ވޯޓު ފޮށި ކައިރީގައި އެއްވެސް މީހަކު ނެތްނަމަ ފޮށި ބަންދުކުރާނެކަމަށެވެ. އަދި ވޯޓު ފޮށި ބަންދުކުރާތާ 30 މިނިޓް ފަހުން ވޯޓު ގުނަން ފަށާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. މި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު އިންތިހާބުގައި ތިން ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އިބްރާހީމް ޝާޒް ވާދަކުރާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުސައިން ރިޒާ ވާދަކުރާއިރު އެމްއެންޕީން ވާދަކުރަނީ އަލީ އާރިފްއެވެ.