ސަރުކާރުގެ ވިސްނުމަކީ، ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެ ގޮތަށް ތަރައްޤީގެ ކަންތައްތައް އިންތިޒާމް ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ ހަވީރު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށުގައި އަލަށް ޢިމާރާތްކޮށްފައިވާ “މަސްޖިދުއްރަޙްމަތު” މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ޤައުމު ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކެނދިކުޅުދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ، އަދި މިހާރުވެސް ހިނގަމުންދާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާ ކުރައްވައިފަ އެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ވިޔަފާރި ކުރުމަށް، އަދި ވަކީން ޚާއްޞަކޮށް އިންވެސްޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ޙައްލުކޮށްދެއްވައި، ވިޔަފާރިވެރީންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރީންނަށް ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.
އިއްޔެ ކެނދިކުޅުދޫގައި ހުޅުއްވައިދެއްވި 550 މީހުންގެ ޖާގައިގެ މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ. ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވާފައިވާ އެ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 17 މާރިޗު 2019 ގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އެންމެ ފުރަތަމަ ބިންގާ އަޅުއްވާފައިވާ މަސްޖިދުއްރަޙްމަތު މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތަށް ހޭދަވެފައިވަނީ 296 ދުވަހެވެ.
“މަސްޖިދުއްރަޙްމަތު” ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވައިލައްވާ، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވާފައެވެ. އެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.