English Edition
Dhivehi Edition
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑ.ރ ހުސެއިން ރަޝީދު ހަސަން، މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެންވަޔަރަންމަންޓް މިނިސްޓްރީ)

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއާޕޯޓު ބޮޑުކުރުމުގެ ހުއްދަ ނުދޭން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި މައްސަލަ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެންވަޔަރަންމަންޓް މިނިސްޓަރ އަރިހުގައި އިސްތިޢުނާފު ކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން އިއްޔެ ބުނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް ތައްޔާރުކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް މުރާޖަޢާކުރުމަށްފަހު، އެ މަޝްރޫޢު ގުރިއަށްގެންދަން މިހާރު ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ އިން ނިންމި ނިންމުން، ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންމަންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ބެލުމަށް، މިނިސްޓަރާއެކު މިނިސްޓްރީގެ ޓިމެއް އިއްޔެ ނ. މާފަރަށް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ.

އަދި އެ ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުން ބެލުން ކަމަށާއި، އެ ދަތުރުގައި ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫޢުގެ މަޢުލޫމާތު އޮޅުންފިލުވުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެ ދަތުރަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީ އިން ފަންނީ ރިޕޯޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރ އެކަމުގައި ނިންމެވިގޮތް އީޕީއޭ އަށް އަންގާނެ ކަމަށާއި، މިނިސްޓަރ އެކަމުގައި ނިންމަވާގޮތް ތަންފީޛުކޮށްދެއްވާނީ އީޕީއޭ އިން ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

އަދި ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގައި ވާގޮތުން އިސްތިޢުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިޢުނާފާމެދު މިނިސްޓަރ ނިންމިގޮތް ލިޔުމަކުން އިސްތިޢުނާފު ކުރި ފަރާތަށް އަންގަންޖެހޭ ކަމަށާއި، އެ މައްސަލަ ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2019 ގައި ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީ އިން ބުނެއެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން އީޕީއޭ އަށް މުރާޖަޢާކުރުމަށް ހުށަހެޅި ތިމާވެއްޓާއި ބެހޭ ރިޕޯޓާއި ބެހޭގޮތުން އީޕީއޭ އިން ނެރުނު އެންވަޔަރަންމެންޓަލް ޑިސިޝަން ސްޓޭޓްމަންޓްގައި އެ މަޝްރޫޢު ޤަބޫލުނުކުރި 11 ސަބަބެއް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން އީޕީއޭ އިން ބުނީ އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވަނީ ބޮއިންގ 777ގެ ޓްވިންޖެޓް ޖެއްސުމަށް ޖާގަ ހެދުމަށް ކަމަށްވާއިރުމި މަޝްރޫޢުގެ ސަބަބުން ދުރު މުސްތަޤްބަލަށް ބަލާއިރު ތިމާވެށީގެ ގޮތުން އަދި އިޤްތިޞާދީ ގޮތުންވެސް ގެއްލުންތަކެއް ލިބޭނެތީ، އެއީ ޤަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށެވެ.

އަދި އެ އެއާޕޯޓުގައި ކައިރި މުސްތަޤްބަލުގައި ބޮޑެތި ފްލައިޓްތައް ޖައްސާނެ ކަމަށް ލަފާކުރެވެނީ މަދުން ކަމަށްވާއިރު، ދުރު މުސްތަޤްބަލުގައި ފްލައިޓް ޖައްސާނެ މިންވަރުވެސް އަދި ނޭނގޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއާޕޯޓު ބޮޑުކުރުމަށް ބިން ހިއްކުމުގެ ސަބަބުން މާފަރު ފަޅުގެ ބޮޑު ބައެއް ގެއްލި، މުރަކައާއި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މާފަރު އެއާޕޯޓު ބޮޑުކުރުމަށް ހިއްކާ ބިމުގެ ބަދަލުގައި ރަށް ބޮޑުކުރުމަށް އިތުރަށް ބިން ހިއްކުމަށް އެ ރަށު ކައުންސިލުންނާއި ރައްޔިތުން ބޭނުންވާއިރު، މި މަޝްރޫޢުގެ ސަބަބުން ރަށް ބޮޑުކުރުމަށް ހިއްކާނެ ފަޅުން ޖާގަ ގެއްލޭނެ ކަމަށްވެސް އީއައިއޭގައި ބުނެފައި ވެއެވެ.

އީޕީއޭގެ އީއައިއޭގައި އިތުރަށް ބުނެފައިވާ ގޮތުން ބިން ހިއްކުމަށް ފަސް ނަގާ ސަރަޙައްދަކީ ގިނަ އަދަދަކަށް މޫދު ވިނަ ހުންނަ ސަރަޙައްދެއް ކަމަށާއި، އެއީ ވެލާފަދަ ކަނޑުގެ ދިރުންތައް ދިރިއުޅޭ ސަރަޙައްދެއް ކަމަށެވެ.

އަދި ފަޅު ތެރެ ހިއްކުމުގެ ސަބަބުން މާފަރުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ތެރެއިން ތޮށި ލާފައިނުވާ ގޮނޑުދޮށް ސަރަޙައްދުތައް ގިރުމަށް މަގުފަހިވާނެ ކަމަށާއި، އެ ސަރަޙައްދުގައި ތޮށިލުމުގެ މަސައްކަތް ކުރަން ޖެހުމުން މަޝްރޫޢުގެ ޚަރަދު ބޮޑުވާނެ ކަމަށްވެސް އީޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އީއައިއޭގައި ބުނެފައި ވަނީ މާފަރަކީ ވެލާ ބިސް އަޅައި އުޅޭ ރަށަކަށް ވެފައި، މި މަޝްރޫޢުގެ ސަބަބުން ރަށް ގިރި، ވެލާތައް ދިރިއުޅޭ ސަރަޙައްދު ހަލާކުވުމުގެ ސަބަބުން އެ ހިސާބުގައި އުޅޭ ދިރޭތަކެއްޗަށް ސީދާ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

އަދި ހަމަ އެހެންމެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ އަސަރު 22،000 ގަހަށް ކުރާނެ ކަމަށާއި، އެ ސަރަޙައްދުގައި އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިންތައްވެސް ހިމެނޭއިރު، އެ ބިންތަކުގެ ބަދަލުގައި ރަށުގެ އަނެއް ފަރާތުން ބިން ދޫކުރުނާނަމަވެސް، އެއާޕޯޓު ބޮޑުކުރާ ސަރަޙައްދުގައިވާ ހުރިހާ ގަސްތަކެއް ނެތިގެންދާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އީޕީއޭ އިން ބުނީ މަޝްރޫޢު ހިންގުމަށް އެދުނު ފަރާތުން، މަޝްރޫޢު ހިންގުމަށް ބޭނުންވާ ބިމުގެ މިލްކުވެރިކަން ލިބިފައި ނުވާ ކަމަށާއި، މަޝްރޫޢުގެ ސަބަބުން ނެތިގެންދާ ރުށްތަކާއި މޭވާ އަޅާ ގަސްތަކުގެ ބަދަލުގައި ގަސްތައް އިންދާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

މާފަރު އެއާޕޯޓު ނިމި، ޤައުމީ އެއާލައިން ‘މޯލްޑިވިއަން’ގެ ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

މާފަރު އެއާޕޯޓްގައި އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެއާބަސް އޭ 320 އަދި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޓާމިނަލްގައި ވަރަށް ހިތްގައިމު ވީއައިޕީ ލައުންޖެއް ވެސް ވަނީ ހިމަނާފައެވެ.

މާފަރު އެއާޕޯޓް އަޅާފައި ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.