English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރު، މިއަހަރުގެ ފުރަތަމަ ޓޫރިސްޓްގެ އާއިލާއަށް ހަދިޔާ ދެނީ- ފޮޓޯ އެމްއެމްޕީއާރުސީ

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަން އަދި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީސްތަކުގެ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މިދިޔަ ޑިސެމްބަރު މަހު އެކަނި، 171،292 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށެވެ. މިއާއެކު މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަން މީހުންނަށް އަށް އަރާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކުން 833،904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 49 ޕަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 705،117 އެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 41 ޕަަސެންޓު ކަމަށާއި ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރިކާ ސަރަހައްދުންނެވެ. އެ ފަތުރުވެރިންނަކީ ޖުމްލަ ފަތުރުވެރިންގެ ފަސް ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 13.5 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާކެޓްތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޗައިނާއިންނެވެ. މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުންނެވެ. 2019 ވަނަ އަހަރު ޗައިނާއިން ވަނީ 16.7 އިންސައްތަ ހިއްސާކޮށްފައެވެ. މީގެ އިތުރުން އިންޑިއާ، އިޓަލީވިލާތް، ޖަރުމަންވިލާތް އަދި އިނގިރޭސިވިލާތުންވެސް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ނިމިދިޔަ އަހަރު އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރަށްވުރެ 83.5 އިންސައްތަ އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ 166،015 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓުގެ ގޮތުގައި ކަނޑައެޅީ 1.5 މިލިއަނެވެ. ނަމަވެސް މި ޓާގެޓު އަހަރު ނިމުމުގެ 38 ދުވަސް ކުރިން ހާސިލްކޮށްފައިވާ އިރު ޑިސެމްބަރު މަސް ދެބައިވި އިރު 1.6 މިލިއަން ފަތުރުވެރިން ވަނީ ހަމަވެފަ އެވެ. އަދި އަހަރު ނިންމާލީ 1.7 މިލިއަން ފަތުރުވެރިންނާއެކު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެކެއް ޕޮއިންޓް ހަތެއް މިލިއަން ވަނަ ފަތުރުވެރިޔާ 31 ޑިސެމްބަރު ވަނަ ދުވަހު ރާއްޖެ އައިސްފައިވާ އިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަށައި މިއަަހަރަކީ 2019 ވަނަ އަހަރަށް ވުރެ ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.