English Edition
Dhivehi Edition
ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: މިހާރު

މި އަހަރުގެ ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ކުރައްވާނެ ޙާފިޒުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރުމާއި ގުޅޭގޮތުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއާއި މަޝްވަރާކޮށްފި އެވެ.

އިއްޔެ މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވި އެ ބައްދަލުވުމުގައި ރާއްޖެއަށް ގެންނަ ބޭރުގެ ހާފިޒުންނަކީ ކަމަށް އެކަށީގެންވާ، ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަކަމުގެ އުސޫލުތަކަށް ތަބައުވާ، ރަނގަޅު ބައެއްތޯ ދެނެގަތުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އަދި އެކަން ހަރުދަނާ ގޮތެއްގައި ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އެކުލެވޭ ސަބް-ކޮމިޓީއެއްވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން އިމިގްރޭޝަން އަދި އެންސީޓީސީ ވެސް ހިމެނެއެވެ.

އެންސީޓީސީ އިން ބުނީ މިފަހަރު އެކަލަވައިލެވޭ އުސޫލުގައި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކުރުމާއި ސިޓީ ކައުންސިލްތަކާ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ބޭރުން ގެނެވޭ ހާފިޒުން ބެލެހެއްޓޭނެ އުސޫލަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފުރުސަތު އިތުރުކޮށް އެ ހާފިޒުންގެ ބޭނުން ކުރެވޭނެ ގޮތްތަކާމެދުވެސް މަޝްވަރާކޮށްފައިވާ ކަމަށް އެންސީޓީސީ އިން ބުނެއެވެ.