އިނގިރޭސިވިލާތަށް އުފަން އުމުރުން 32 އަހަރުގެ ޓެސްޑެލީ އަކީ ތުއްތުއިރު ނުކުޅެދުން ތެރިއަކަށް ވެ އޭނަގެ މުޅިހަށިގަނޑުގެ ހަރަކާތް ހުއްޓިފައިވާ ޒުވާނެކެވެ. ޓެސްޑެލީ ބުނާގޮތުން އޭނަގެ އުމުރުން 18 މަހުން ފެށިގެން އެހެން ކުދިންނެކޭ އެއްގޮތަށް ހަރަކާތް މަދު ވުމުން ޑޮކްޓަރަށް ދެއްކުމުން އޭނައަކީ “ލޭޒީބޭބީ” އެއް ކަމަށްބުނެ އޭރު ޑޮކްޓަރު ގެއަށް ފޮނުވާލިއެވެ. އޭގެ ދުވަސްކޮޅެއްފަހުން މާބޮޑަށް ހަރަކާތް ހުއްޓޭހެން ހީވެގެން އޭނަގެ މަންމަ އޭނަގޮވައިގެން ގޮސް ދެވަފަނަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން އަސްލު ބަލި ދަނެގަނެވުނެވެ.
ޓެސްޑެލީގެ ޑޮކްޓަރު ބުނީ އޭނައަށް ވަނީ “ސްޕައިނަލް މަސްކުލާ އެޓްރޮޕީ ޓައިޕް 2 ” ޖެހިފައި ކަމަށެވެ. އާންމުގޮތެއްގައި މިބަލި ދަނެގަނެވެނީ ކުއްޖާ އުފަން ވުމަށްފަހު 6 މަހާއި 12 މަހާދޭތެރޭގައެވެ. ޓެސްގެ ބަލި ދަނެގަނެވުނު އިރު އޭނަގެ އުމުރަކީ 18 މަހެވެ. އޭގެފަހުން އޭނަ އުޅުނީ ފޮރޮޅު ލީ ގޮނޑީގައެވެ. ޓެސްޑެލީ ގެ ދެއަތް ފިޔަވައި އެހެން ގުނަވަނެއް އޭރު ހަރަކާތް ނުކުރެއެވެ. އޭގެ ފަހުން އޭނަގެ އަތްވެސް ވަނީ މި ބައްޔާހެދި ހަރަކާތް ހުއްޓިފައެވެ. ހިތްވަރުގަދަ މި ޒުވާނާ ކުޑައިރުއްސުރެ ގޮނޑީގައި އިނދެ ކިޔަވައިގެން މަތީ ތައުލީމުވެސް ހޯދިއެވެ.
2011 ވަނަ އަހަރު ޓެސްޑެލީ ވަނީ ސައިކޮލޮޖީ އެންޑް ކްރިމިނޮލޮޖީ އިން ޑިގްރީ ހާސިލްކޮށްފައެވެ. ނަމަވެސް މާބޮޑަށް ހެލިފެލިވެ އުޅެން ޖެހޭވަޒީފާ އަދާ ކުރުމަކީ އޭނަ އަށް ފަސޭހަކަމަކަށް ނުވުމުން ނިންމީ މޭކަޕް އާޓިސްޓަކަށްވާށެވެ. މި މަސައްކަތްވެސް ޓެސް އަށް ވީ ބޮޑު ގޮންޖެހުމަކަށެވެ. އޭނަގެ ދެ އަތް ހަރަކާތް ނުކުރެވޭތީ އިލެކްޓިްރިކް ވީލްޗެއާއެއް ހޯދުމަށްފަހު “ނީޓްއީޓާ” ބައޯނިކް ހޭންޑް އެއްގެ އެހީގައި މޭކަޕް ކުރުމުގެ މަސައްކަތުގެ ތަމްރީން ފެށިއެވެ. ޓެސްޑެލީ ބުނީ މޭކަޕް ކުރާ ފިހިގަނޑުތަކުގައި ހިފަން ވަރަށް އުނދަގޫކަމަށާއި އެތައް ދުވަހަކު ފަރިތަކުރުމަށް ފަހު މިހާރު އޭނައަށް މޭކަޕް ކުރަން ވަރަށް ފަސޭހަކަމަށެވެ.
ޓެސްޑެލީ މޭކަޕްގެ މަސައްކަތް ފެށީ ފްރީލާންސް ކޮށެވެ. އޭނަބުނީ ތަންތަނަށް މޭކަޕް ކޮށްދިނުމަށް ދިޔުމަކީ ވަރަށް އުނދަގޫކަމަކަށް ވިކަމަށެވެ. އަދި ޓެކްސީ ތަކުގައި ކޮންމެވެސް ވަރަކަށް ރިކުއެސްޓްތަކަށް މޭކަޕް ކޮށްދޭން ގޮސްހަދަން ފެށިކަމަށެވެ. އެކަން ވެސް އޭނައަށް ބޮޑު ހަރަދަކަށް ވެ އުނދަގޫ މަސައްކަތަކަށް ވުމުން ހުއްޓާލާފައި މިހާރު ވަނީ އިންސްޓަގްރާމްގައި މޭކަޕް ޓިއުޓޯރިއަލްތައް ގެނެސްދޭންފަށާފައެވެ.
ޓެސްޑެލީގެ އިންސްޓަގްރާމް ގައި މިހާރުވެސް ދެލައްކަ އަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. އޭނަގެ ކާމިޔާބީ އާއި ބެހޭގިތުން މިދިޔައަހަރު ދީފައިވާ އިންޓަވިއު އެއްގައި ބުނީ ، ދިރިއުޅުމުގައި ދަތި އުނދަގޫ އެތައްކަމެއް ހުރި ނަމަވެސް އޭނަގެ މަސައްކަތާމެދު ފޭނުން ހިތްހަމަ ޖެހޭތީ އޭނަ ވަރަށް އުފާވާކަމަށެވެ. މީގެ އިތުރުން އޭނަ ބުނީ ނުކުޅެދޭ މީހަކަށްވިޔަސް އުމުރުން މިހާތަނަށް އައިއިރު އެއްވެސް މީހަކު އޭނައަށް ބުލީ ކޮށްފައިނުވާ ކަމަށެވެ. އަދި އޭނަ އުޅެބޮޑުވީ ވަރަށް ރަނގަޅު މާހައުލެއްގައި ލޯބި ލިބިގެން ކަމަށެވެ.
ނުކުޅެދުން ތެރިކަން ހުންނަމީހުން ބާކީ ކޮށްލުމަކީ އެއްވެސް ގައުމެއްގައި ކުރާކަމެއް ނޫނެވެ. އެމީހުންނަށް އެމީހަކު ބޭނުން ރޮނގަކުން ކުރިއަށް ދިޔުމަށް ފުރުސަތު އޮވެއެވެ. ކޮންމެ ކަމެއްގައި ވެސް ބޭނުންވާނީ ހިތްވަރެވެ، ޓެސްޑެލީ އަކީ ނުކުޅެދުން ތެރިކަން ހުންނަ ފަރާތް ތަކަށް ލާމަސީލު ނަމޫނާ އެކެވެ.