English Edition
Dhivehi Edition


ހެނދުނު ހެނދުނާ ހޭލާ ސޯޝަލް މީޑިޔާ ޗެކްކޮށްލުމަކީ އަޅުގަނޑުގެ އާދައެކެވެ. އެހެން ކަމުން އެހެން ދުވަސްތަކެކޭ އެއްފަދައިން ސޯޝަލް މީޑިޔާ ހުޅުވާލި ތަނާ ނިއުސްފީޑުން ފެނިގެންދިޔައީ މެދު އުމުރު ފުރައިގެ ފިރިހެނެއްގެ ފޮޓޯތަކާއި އެކީ ބޮޑެތި އަސަރުގަދަ ޕޯސްޓްތަކެވެ. ގިނަ ބަޔަކު އެ ޕޯސްޓް ޝެއަރ ކޮށް އެމީހުންގެ ޝުއޫރުތައް ލިޔެފައި ހުއްޓެވެ. އަދި މިނިސްޓްރީ އޮފް ޖުހާ ޕޭޖް އިންވެސް މި ޕޯސްޓް ފެނިގެން ދިޔުމުން އިތުރަށް ވެގެން އުޅޭ ގޮތެއް ސާފްކޮށްލަން ބޭނުންވިއެވެ. އެހެންކަމުން އަވަސް އަރުވާލައި ހުރިހާ ޕޯސްޓްތަކެއް ކިޔަންފެށީމެވެ. ކަންދިމާވި ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓްތަކަކީ އަޅުގަނޑުގެ ފެސްބުކް ފްރެންޑެއް ކަމުގައިވުމުން އިތުރަށް ވެގެން އުޅޭ ގޮތެއް ސާފުގެންދިޔައެވެ.

ގއ. ވިލިނގިލި/ނޫކޮކާގެ، މަމްދޫދުއަކީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މަސައްކަތްކުރައްވަމުން އަންނަ ޒުވާނެކެވެ. މަމްދޫދުގެ އިޙްސާސް މަމްދޫދުގެ ކޮއްކޮ ގެ ޕޯސްޓްތަކުން ވަރަށް ރަނގަޅަށް ވަނީ ހިއްސާކޮށްފައެވެ. ” އެމީހުން މަޖާކުރުމަށް އަހަންނާ ބެހޭގޮތުން ވުޖޫދުގާނެތް މައްސަލަތަކެއް އުފަންކުރުވައެވެ. އެމީހުންނަށްވުރެ ކުރިން ކޫއްޑުއަށްދާ ފެރީއަށް އަހަރެން އަރައިފިނަމަ އެއީ ބޮޑު މަސައްލައަކަށްވެއެވެ. އެމީހުންނަށް ވުރެ ލަހުން ފެރީއަށް އެރިޔަސް އެއީ ވެސް ބޮޑު މަސައްލައަކަށްވެއެވެ. އެމީހުންނަށްވުރެ ކުރިން “ފިންގާ” ޖަހައިފިނަމަ އެއީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އަހަރެން ހަދަންވީގޮތެއް އަހަންނަކަށް ނޭގެއެވެ. އެމީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯވެއެވެ. އެމީހުން އަހަރެން ދުރުން ފެނުނަސް ކާކުކަން ނޭގޭ ގޮތަށް އަޑުބަދަލު ކޮށްގެން ‘ އަބަރާ، ގައްލޮލާ ‘ ފަދަ އަހަރެން ރުޅި އަންނަ އެތައްއެތައް ޒާތެއްގެ ނަމަކުން ގޮވާ ހަދައެވެ. އަހަންނަށް ކެންޓީނަށް ކާން ދެވޭ ވަރެއް ނުވެއެވެ. އެމީހުން އަބަދާއަބަދު ދިމާކުރާތީއެވެ. ބައެއް ދުވަހު ދިމާކުރާތީ ކާން ގޮސްފައި ނުކާ އަބުރާ ދަމެވެ. ބައެއް ދުވަހު ދިމާކުރާނެކަން ޔަގީންވާތީ ބަނޑުހައިވިޔަސް ގަސްތުގައި ނުކާ ހުންނަމެވެ. އެކަނިވާ ވަގުތު އަހަންނަށް މިކަންކަމާ ވަރަށް ވިސްނެއެވެ. އަބަދު އަހަރެންގެ ސިކުނޑީގައި މިކަންކަމުގެ ޚިޔާލު އެބުރެނީއެވެ. އަހަރެންގެ ބޮލަށް ވަރަށް އުނދަގޫވެއެވެ. ކަންކަމާ ރުޅިއައިސް އަހަރެން ވަރަށް އަވަހަށް ޓެންޝަނަށް ދެއެވެ. ހަގީގަތުގައިވެސް އަހަރެން ވަރަށް ވަރަށް ރުޅިއާދެއެވެ. ހާސްވެ ގޮތްހުސްވެއެވެ. ދެންހަދާނެގޮތެއް އަހަންނަކަށް ނޭގެއެވެ. ރުޅިގަދަވެ އަތުންފައިން ގޯސްހެދެނީއެވެ. އެމީހުންނަށް ރުޅިއައިސް ރައްދުދެމެވެ. އެކަމާ އެމީހުންވެސް އަންނަ ރުޅީގައި އަހަރެންގެ ބޮލުގައި ބާރަށް ތަޅައިގަނެއެވެ. ވާތަދުން އަހަންނަށް ވާނުވާ ނޭގެއެވެ. އެކަނިވާ ވަގުތު ގިސްލާ ރޮވެއެވެ. އެ އެންމެން އެކައްޗެކެވެ. އަހަރެން އެކަންޏެވެ. އަހަންނަށް ގޯނާކޮށް އަނިޔާކުރަނީ އެ އެންމެން އެއްބައިވެގެންނެވެ. އަހަރެން އެކަނިމާ އެކަންޏެވެ އަހަރެންނަކީ ދެއިރަށް ބޭސްކާ މީހަކީމެވެ. އަހަރެންގެ އާރެއް ބާރެއް، އަޅާލާނެ ޔާރެއް ނެތެވެ. އަހަރެންނަކީ ދޭތެރެދޭތެރެއިން ފިޓްޖެހޭ މީހެކެވެ. އަހަރެންގެ ލޯބިލޯބި ދެއަންހެން ކުދިން ތިއްބެވެ. އެދެކުދިންނަކީވެސް އަހަރެން ފަދައިން ޚާއްސައެހީއަށް ބޭނުންވާ ކުދިންނެވެ. އެކުދިންނަށްޓަކައި އަހަރެން ވަޒީފާ އަދާކުރަމެވެ އަހަރެންގެ ބަލިފަޔަކީ އަހަރެންގެ ނުކުޅެދުންތެރިކަމެވެ. އަހަރެންގެ ކުށަކީ އަހަރެންގެ ނުކުޅެދުންތެރި ކަމެވެ.”

މި ޕޯސްޓް ކިޔާލުމަށްފަހު ހަޤީޤަތުގައިވެސް ހިތަށް އަސަރުކޮށްފިއެވެ. ނުކުޅުންތެރި މީހަކަށް ވީތީ ގަނާކޮށްލީއެވެ. އާރެއް ބާރެއް ނެތްކަން އިޙްސާސްކޮށްދިނީއެވެ. މީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދެރަވެ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ޕޯސްޓުގައި ލިޔެފައިވާ ކޮމެންޓް ތަކާއި ޕޯސްޓް ޝެއަރކޮށް މަމްދޫދު ދަންނަ ގިނަ ބަޔަކު ލިޔެފައިވާ ޕޯސްޓްތަކުން އެނގިގެން ދިޔައީ ވަޒީފާގެ މާހައުލުގައި މަމްދޫދުއަށް ދިމާވާ ކަންތައްތަކަކީ ތެދު ހަޤީޤަތް ކަމެވެ. އަދި ވަޒީފާގެ އިތުރުން ރަށު ތެރޭގައިވެސް އޭނާއަށް ގަނާކުރެއެވެ. ފެސްބުކްގައި މަމްދޫދުގެ ޕޯސްޓެއް ޝެއަރ ކުރަމުން އިތުރު މީހަކު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ހަމައެކަނި އޭނާގެ މަސައްކަތުގެ މާހައުލުގައި ދިމާވާކަމެއް ނޫން ކަމަށާއި މިއީ ރަށު ތެރޭގައިވެސް ފާހަގަކުރެވޭ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެގޮތުން ރަށުގައި ބާއްވާ އިވެންޓްތައް ބަލަން ގޮސް އުޅޭއިރު މަމްދޫދުއަށް ވަނަމުން ގޮވާ ފުރައްސާރަކޮށް، ކޮފީގައި އިނަސް މަމްދޫދު ރުޅި އަންނަ ކަންކަން ކޮށް އުޅޭކަމަށެވެ.

މި ޕޯސްޓް ދައުރުވުމާއި ގުޅިގެން މަސައްކަތު މާހައުލުގައި އުޅޭ އިދާރީ މުވައްޒަފުން ޕްރެޝަރ ކުރަމުން ދާކަމަށް ވެސް އޭނާގެ ކޮއްކޮ ދިޔާނާ ވަނީ އޭނާގެ ޕޯސްޓުގައި ލިޔެފައެވެ. އަދި މީގެ އިތުރުން މަމްދޫދު ވައިބަރ ގްރޫޕަކުން ވެސް ބޭޜުކޮށްލީއެވެ. އެ ގުރޫޕްގައި މަމްދޫދުއަށް ކުރާ ގޯނާތަކާއި ޖެއްސުން ކުރުމަށް ހަދާފައިވާ ޓިކްޓޮކްތަކާއި ފޮޓޯއާއި އަދި ވީޑިއޯ ވަރަށް ގިނަ އަދަދަކަށް ހުރި ކަމުގެ މައުލޫމާތު ލިބޭކަމަށް ވެސް ދިޔާނާ ވަނީ ޕޯސްޓްގައި ބުނެފައެވެ.


ދިޔާނާ ލިޔެފައިވާ އިތުރު ޕޯސްޓެއްގެ ކޮމެންޓެއްގައި ބުނެފައިވަނީ ” އިންސާނާގެ ކުރިމަތި ފަރާތުގައި ހިފާ ފިއްތާ ކުރަންޖެހޭ ސަމާސާއެއް އޮންނަ ކަމެއް އެނގިފައި ނުވާކަމަށެވެ.” މި ކޮމެންޓުން އެނގިގެންދަނީ ޖިންސީ ގޯނާ ވެސް މަމްދޫދުއަށް ކުރިކަމެވެ. އަދި އިތުރު ކޮމެންޓެއްގައި ދިޔާނާ ބުނެފައިވަނީ، މަޖަލަކަށް ހަދައިގެން އެންމެންގެ ކުރިމަތީގައި މަމްދޫދު ލައިގެން ހުންނަ އެއްޗެހި ބާލާކަމަށްވެއެވެ. މިކަންތަކާއި ގުޅިގެން ދިޔާނާއަށް ގުޅުމުން ވާހަކަ ދެކެވޭގޮތެއް ވަނީ ނުވެފައެވެ. އަދި އޭއޯނިއުސް ޓީމުން ކުރި މަސައްކަތުން އެނގިގެންދިޔައީ މަމްދޫދުއަށް ބުލީކުރުމުގެ މައްސަލައެއް މީގެ 6 މަސް ދުވަސް ކުރިން ވެސް ޕޮލިހަށް ހުށަހެޅިފައިވާ ކަމަށެވެ.


ދިޔާނާގެ ޕޯސްޓާއި ގުޅިގެން ކޫއްޑޫގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރ އަޙްމަދު ރީހާން ވިދާޅުވީ، މި މައްސަލަ ވީހާވެސް ކައިރިން ބަލާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އޮންނަ އުސޫލުގެ ދަށުން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްޤު ކަށަވަރުކޮށްދިނުމުގެ އިތުރުން ކޫއްޑޫ މެނޭޖްމަންޓްގެ ފަރާތުން މި ކަމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މަމްދޫދުގެ ދިފާޢުގައި ގިނަ އަދަދެއްގެ ބަޔަކު ޕޯސްޓްތަކާއި ކޮމެންޓްތައް ކުރަމުންދާއިރު ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝަރްމާ ނަސީރުއާއި ވިލިނގިލި ރިހެބިލިޓޭޝަން ސެންޓަރުގެ ސީނިއަރ ޕޮލިޓީކަލް ޑިރެކްޓަރ އަމާން އިބްރާހީމްވެސް ވަނީ މަމްދޫދުގެ ދިފާޢުގައި ސޯޝަން މީޑިއާގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އަމާން އިބްރާހީމް ލިޔެފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ” އަޅުގަނޑު 2017 ވަނަ އަހަރު ކޫއްޑޫގައި މަސައްކަތްކުރި އިރުވެސް މިކަން ހިނގި ކަން ކަށަވަރު، އޭނާ ކެންޓީނަށް ވަންނައިރު ކޮމެޑީގެ ޝޯއެއްގެ މީހަކު ވަދެގެން އައިސްފައިވާ ފަދައިން މަލާމާތްކުރޭ. އަޅުގަނޑު ވަރަށް ދެރަވޭ މިކަން އަދިވެސް ހިނގަމުންދާ ވާހަކަ އަނޑުއިވުމުން. ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ލަދުވެތިކަމެއް” އަމާންގެ ޕޯސްޓުގައި ބުނެފައިވެއެވެ.



ޤާނޫނު ނަންބަރު 8/2010 ނުކުޅުދުންތެރިކަމުގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ ވަޒީފާ ދިނުމުގައި ނުވަތަ މަސައްކަތު މާޙައުލުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި މެދު އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅުދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާއިމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެއްކަމަށެވެ. އަދި މި ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ބަޔާންކުރަނީ ނުކުޅުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައިއާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި ފޮށުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުމަކީ މަނާކަމެއް ކަމަކެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ކޮންމެ މީހަކު 500ރ އާއި 2000ރ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި (ރ) ގައި ބަޔާންކޮށްފައިވާ ކަމެއް ދެވަނަ ފަހަރަށް ނުވަތަ އެއްވަށްވުރެ ގިނަ ފަހަރަށް ކުރިކަން އެމީހެއްގެ މައްޗަށް ސާބިތުވާ ކޮންމެ މީހަކު 03 މަސްދުވަހާއި 06 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެކަމަށް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ.

ފުރިހަމަ ސިއްހަތާއި ޢާފިޔަތުގެ ނިޢުމަތް ﷲ ދެއްވުމުން އެކަމަށް ބޮޑާވެ ނުގަނެ އެނިޢުމަތުން މަޙުރޫމްވެފައިވާ މީހުންނަށް އަޅާލާ މުޖުތަމަޢެެއް ފެންނާނީ ކޮން ދުވަހަކުން ބާވައެވެ. މިއީ މިއަދު މަމްދޫދުފަދަ އެތަށް ދަރީން ކޮންމެ ދުވަހަކު ތަޙައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުންތަކެވެ. އަޅުގަނޑު އެދެނީ މި މައްސަލާގައި ފުރިހަމަ ތަޙްޤީޤެއް ކޮށް، މަމްދޫދުއަށް އިންސާފް ލިބުމެވެ. މަމްދޫދުފަދަ މީހުންނަށް މުޖުތަމަޢުން ޖާގަ ތަނަވަސްކޮށްދީ ތަފާތު ކުރުމެއްނެތި ދިރި އުޅެވޭނެ މާޙައުލެއް މިދިވެހި ފަސްގަނޑުގައި ގާއިމްވެގެންދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށި އާމީން