ފުލުހަކަށް ހަމަލާދިން ކަމަށް ފުލުހުން ބުނާ ކ. މާލެ، ހ. ކުއްޅަވައްމާގެ އަޒުހަރު އިބްރާހިމް — ފޮޓޯ/ ޕޮލިސް
ރޭ ދަންވަރު 1:25 އެހައިކަންހާރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހެއްގެ ގަޔަށް ވަޅިޖެހި މީހާގެ މައުލޫމާތު ފުލުހުންވަނީ އާންމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އެހާދިސާގައި ފުލުސް މީހާއަށް ވަޅިން ހަމަލާދީފައިވަނީ ކ. މާލޭ، ހެންވޭރު ކުއްޅަވަށްމާގޭ އަޒުހަރު އިބްރާހީމް ކަމަށެވެ. އޭނާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާނަށް ހަމަލާދީފައިވަނީ މޫދުން ގޮސް މާފުށީ ޖަލަށް ސާމާނުތަކެއް ވައްދަން އުޅުނިކޮށް އޭނާ ހުއްޓުވަން އުޅުމުންނެވެ. ރައްޒާނަށް ދިން ހަމަލާ އަރާފައިވަނީ އޭނާގެ ކުރިމަތިން ވާއަތު ކޮނޑާއި މެއާ ދޭތެރެއަށެވެ.
މިމައްސަލާގައި ފުލުހުންވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއެކު 4 މީހަކު ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ޖުވެނައިލް ކޯޓުންވަނީ ކުޑަކުއްޖާ ދޫކޮށްފައެވެ.
ދެންތިބި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލްކޯޓަށް ހާޒިރު ކުރުމުން އެކޯޓުންވަނީ އަޒުހަރުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރުދީފައެވެ. އަނެއް ދެމީހުން ބަންދުގައި ބެއިތިއްބުމަށް 10 ދުވަސް ކޯޓުންވަނީ ޖަހައިދީފައެވެ.