މަރު ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ފޮނުވި މައްސަލައިގެ ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަ ނުވާތީ އެ މައްސަލަ އަނބުރައި ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން އަނބުރާ ފޮނުވާ ލާފައިވަނީ ، ޑރ. އަފްރާޝީމާއި، ނޫސްވެރިޔާ ރިޟުވާނާއި އަދި ޔާމީން ރަޝީދު މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު މަޒީދު އާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލައެވެ.
ޕީޖީ އޮފީހުން ހާމަކުރާ ގޮތުގައި މިމައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަ ނުވާތީކަމަށާއި އަދި އިޖުރާއީ ގޮތުންވެސް އިތުރަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތަކެއް ހުރުމުންނެވެ. މިމައްސަލަ އަނބުރާ ފޮނުވާލުމުގެ މާނައަކީ މި ދެމީހުންގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިއްމީ ނޫންކަމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވަނީ ވިދާޅުވެފައެވެ.
ޑރ އަފްރާޝީމް އާއި ރިޟުވާން އަބްދުﷲ އާއި ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތު ކުރެވޭ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދު އާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ރައީސް ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ހުށަހަޅާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ.