ދިވެހިރާއްޖޭގެ 4 ވަނަ ސިޓީއަށް ހދ.ކުޅުދުއްފުށި ހެދުމަށް ރައީސުލްޖުމްހުއްރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ހަމަޖައްސައިފި އެވެ. ރައީސް މިގޮތަށް ނިންމަވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2020 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން.
— Ibrahim Mohamed Solih (@ibusolih) December 31, 2019
ކުޅުދުއްފުށި ރާއްޖޭގެ 4 ވަނަ ސިޓީއަށް ހަދަން ރައީސް ނިންމެވިއިރު ސިޓީއެއްގެ ދަރަޖަ ދެނީ އެ ރަށެއްގެ އާބާދީ 10،000 އަށް ވުރެ މައްޗަށް ދިއުމުންނެވެ. މިހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހދ. ކުޅުދުއްފުށީގައި ވަނީ 10،189 މީހުން ރަޖިސްޓްރީ ވެފައެވެ.
ރާއްޖޭގައި އެންމެ ގިނައިން މީހުން ދިރިއުޅޭ ސިޓީތަކުގެ އެންމެ ކުރީގައި އޮތީ ވެރިރަށް މާލެ ސިޓީއެވެ. އައްޑޫ ސިޓީއާއި ފޯއްމުލަކު ސިޓީ ދެން އޮތް އިރު ކުޅުދުއްފުށި މި ލިސްޓަށް އިތުރުކުރެވިގެން ދާނެއެވެ.
ރައީސް ޞާލިޙުގެ މި ނިންމެވުމާއި އެކީ ކުޅުދުއްފުށީގައި ކައުންސިލެއް އުފައްދަން ޤާނޫނު އަސާސީން ރައީސް އަށް ލާޒިމުވާނެއެވެ.