English Edition
Dhivehi Edition

ދިރާގުން ކުރިއަށް ގެންދާ “ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް” ގައި 2020 ވަނަ އަހަރު ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ދިރާގުގެ ސީ.އެސް.އާރ ގެ ދަށުން ގިނަ ޒުވާނުން ތަކެއް ވަޒީފާގެ މާހައުލައް އަހުލުވެރިކުރުވާ، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭ ލެވެލްއިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ޝައުގެވެރިވާ ޒުވާނުންނައް “ވޯކްއިން އިންޓަރވިއު” 2020 ޖަނަވަރީ 7 ވަނަ ދުވަހުގެ 14:00 އާއި 17:00 ދެމެދު ކުރިއަށްދާނެކަމަށާއި އިންޓަރވިއުތައް ކުރިއަށްދާނީ ދިރާގު ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ރީޖަނަލް އޮފީސްތަކުގައިކަމަށް ދިރާގުން ހާމަކުރެއެވެ.މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ މާރކެޓިންގ، އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމެންޓް އެންޑް ޕްރޮޕަރޓީ މެނޭޖުމެންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯރކްސް އަދި ކަސްޓަމަރ ސޮލިއުޝަން ފަދަ ޑިޕާރޓްމެންޓު ތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފެށި އެންމެ ފުރަތަމަ ކޯޕަރެޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. 2009 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 200 އައްވުރެ ގިނަ ޒުވާނަކު ވަނީ ދަސްވެނިމިފައެވެ. އޭގެ ތެރެއިން ގިނަ ޒުވާނުންތަކެއް ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރަމުންދާ ކަން ދިރާގުން ފާހަގަ ކުރައްވައެވެ.