English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން - ފޮޓޯ: މަޖިލިސް

ކުލި ކޮންޓްރޯލްކޮށް ނުވަތަ ރެގިއުލޭޓުކޮށް އަދި ކުލި ދަށްވެސް ކުރެވޭނެ ކަމަށާއި، އެކަމަށްޓަކައި ބޭނުންވަނީ ސިޔާސީ ހިތްވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ކުލި ކޮންޓްރޯލް ކުރެވޭނީ އެންމެ އިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ކަމުގައި ހަދައިގެން ކަމަށާއި، އިންވިޒިބްލް ހޭންޑްސް އޮފް ޑިމާންޑް އެންޑް ސަޕްލައި އަކީ އޮޅުވާލުމެއް ކަމަށެވެ.

މީގެ އިތުރުން ޢަލީ ޙުސައިން ވިދާޅުވީ އަމުދުން ދައުލަތުގެ މިލްކުވެރިކަން އޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލްކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތަށް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

 

އޭނާ މިހެން ވިދާޅުވެފައިވާއިރު، މި ފެށޭ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުން ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީންވެސް ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންކަމުން މިހާރުއްސުރެ ބައެއް ފަރާތްތަކުން ދަނީ ކުލި ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލެ ސިޓީގެ ގެދޮރުގެ ކުލި ކޮންޓްރޯލްކުރުމަށް މިދިޔަ ހުކުރު ދުވަހު މާލޭ ޓެނެންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ވަނީ ޕެޓިޝަނެއްގައިވެސް ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ގިނަ އަދަދެއްގެ މީހުން ސޮއިކޮށްފައިވާއިރު، އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ރައްޔިތުން ސޮއިކުރާ ޕެޓިޝަން މަޖިލީހަށް ހުށަހަޅުއްވައިދެއްވަން ކެރިވަޑައިގަންނަވާނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަލީ ޙުސައިން ވިދާޅުވީ ވަރަށް އުފަލާއެކު އެކަން ކޮށްދެއްވާނެ ކަމަށެވެ.