English Edition
Dhivehi Edition
ދިރާގު ހެޑް އޮފީސް - ފޮޓޯ: ގެޑޯރ ކޮންސަލްޓިންގ

ރާއްޖޭގައި މުވާސަލާމަތީ ޚިދުމަތްދޭ މައި ކުންފުނި ކަމުގައިވާ ދިރާގުން ފޯރުކޮށްދެމުން އަންނަ އިންޓަނެޓް ޚިދުމަތުގެ ފެންވަރު ދަށްވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށް ހުށަހެޅުމަށް ނިންމައިފި އެވެ.

ދިރާގުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހެޅުއްވުމަށް ނިންމެވީ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ.

އެކަން ހާމަކުރައްވައި އަލީ ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ދިރާގަކީ މި ސަރަޙައްދުގައި ރައްޔިތުންގެ އަތުން އިންޓަނެޓުގެ ޚިދުމަތަށް އެންމެ ބޮޑު އަގު ނަގާ ކުންފުނި ކަމަށާއި، ދިރާގުން ދޭ ޚިދުމަތުގެ ފެންވަރުވެސް ދަށް ކަމަށެވެ.

އަދި ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަ އާންމުވެފައިވާތީ، އެކަން ބަލައި ތަޙުޤީޤުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލީ ހަމީދު ވަނީ ދިރާގާއި ދެކޮޅަށް އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ފަރާތެއް ހުރެއްޖެނަމަ، އެމައްސަލަ ހިއްސާކޮށްދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ. އޭނާ ވަނީ ދިރާގާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރެވޭނެކަން ޔަޤީންކުރައްވާނެ ކަމަށް ވިދާޅުވެ، އެފަދަ އެއްވެސް މައްސަލައެއް ހިއްސާކުރަން ބޭނުން ފަރާތްތަކުން ފަސްޖެހުމެއް ނެތި އޭނާ އަށް ޑައިރެކްޓް މެސެޖު (ޑީއެމް) ކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

ދިރާގުގެ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު ދަށް ވާހަކައަކީ ވަރަށް ގިނައިން އިވޭ އަޑެކެވެ. އެގޮތުން ޚިދުމަތުގެ އަގު ބޮޑުވެފައި، ފެންވަރު ދަށްކަމުގެ އިތުރުން ދިރާގުގެ ކަސްޓަމަރ ސަރވިސްގެ މަސައްކަތާއި ގުޅޭގޮތުންވެސް ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.