English Edition
Dhivehi Edition
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލުންތަކެއް - ފޮޓޯ: ޓްވިޓާ

މޯލްޑިވްސް އިމިގްރޭޝަނުން “ރަށުން” މިނަމުގައި އާ ޚިދުމަތެއް މިއަދު ތަޢާރަފް ކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ “ރަށުން”ގެ ނަމުގައި ތައާރަފްކުރި މިޚިދުމަތަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އަލަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.
މިއަދު މި ފެށުނު އާ ޚިދުމަތުގެ ސަބަބުން އަތޮޅު ތެރޭގެ ރަށްތަކުގައި ތިބެގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މިހިދުމަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަތޮޅު އަދި ރަށު ކައުންސިލްތަކާއި ގުޅިގެންނެވެ. އެގޮތުން މިޚިދުމަތް އެންމެ ފުރަތަމަ މިއަދު ދޭން ފަށާފައިވަނީ ތ. އަތޮޅު ވޭމަންޑޫ ކައުންސިލް އިދާރާގަ އެވެ.

މިޚިދުމަތުގެ ދަށުން ޕާސްޕޯޓް ހެދުމަށް ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަނަމަ ރަސްމީ ބަންދު ނޫން ގަޑިތައް ނުހިމެނޭ ގޮތަށް 48 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ނިންމާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ. އަދި ޕާސްޕޯޓް ނިމުމުން އިމިގްރޭޝަންގެ އޮފީސްތައް ގާއިމުކޮށްފައިވާ ހުރިހާ ރަށަކުންވެސް ޕާސްޕޯޓާއި ހަވާލު ވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

އިމިގްރޭޝަނުން ބުނީ “ރަށުން” ޚިދުމަތް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި ފެށުމަށް އިމިގްރޭޝަނުން ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ މަގުސަދަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އިމިގްރޭޝަނުން ދޭ ޚިދުމަތްތައް ލާމަރުކަޒީކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވީ ނަމަވެސް ހުރިހާ ރައްޔިތުންނަށް ވެސް ލުއިފަސޭހަ ވާނެ ގޮތަށް ހަމަހަމަކަމާއި އެކު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.