English Edition
Dhivehi Edition
މާފަރު އެއާޕޯޓަށް އެރި ވެލާގެ ސަލާމަތް ކުރުމަށް މަސައްކަކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް -

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވެލައެއް އަރަން އުޅެނިކޮށް، އެ ވެލާ ސަލާމަތްކޮށްފި އެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މާފަރު އެއާޕޯޓުގެ ރަންވޭ މައްޗަށް ބޮޑު ވެލައެއް އަރަން އުޅެނިކޮށް، އެއާޕޯޓުގެ މުވައްޒަފުންތަކެއް އެ ވެލާ އަނބުރާ މޫދަށް ފޮނުވާލާ މަންޒަރެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައި، ޤައުމީ އެއާލައިން ‘މޯލްޑިވިއަން’ގެ ދަތުރުތައް މިމަހުގެ އެއްވަނަ ދުވަހު ފަށާފައިވާއިރު، އެއާޕޯޓު ހުޅުވުމުގެ ކުރިންވެސް ރަންވޭ މައްޗަށް ވެލައެއް އެރި ހާދިސާއެއް ވަނީ ކުރިމަތިވެފަ އެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާފަރު އެއާޕޯޓުގެ ރަންވޭ މައްޗަށް ވެލައެއް ވަނީ ބިސް އަޅައިފަ އެވެ. ތިން ބިހާއެކު ރަންވޭ މަތީގައި އޮތް އެ ވެލާގެ ފޮޓޯ މީސްމީޑިއާގައި ދައުރުވެފައިވާއިރު، އެ ވެލާ ވަނީ އަނބުރާ މޫދަށް ދޫކޮށްލައިފަ އެވެ. ނަމަވެސް ފަހުން އެ ވެލާ މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މާފަރު އެއާޕޯޓަށް އަނެއްކާވެސް ވެލައެއް އަރާފައިވާއިރު، އެއާޕޯޓު ބޮޑުކުރުމުގެ ހުއްދަ ނުދޭން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ނިންމައިފި އެވެ.

މާފަރު އެއާޕޯޓު ބޮދުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން އީޕީއޭ އަށް މުރާޖަޢާކުރުމަށް ހުށަހެޅި ތިމާވެއްޓާއި ބެހޭ ރިޕޯޓާއި ބެހޭގޮތުން އީޕީއޭ އިން ނެރުނު އެންވަޔަރަންމެންޓަލް ޑިސިޝަން ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެއްދެވީ ޑރ. އަޙްމަދު ޝާއިޤު ކަމަށެވެ.

އީޕީއޭ އިން ނެރުނު އީއައިއޭގައި މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ޤަބޫލުނުކުރި 11 ސަބަބެއް ބަޔާންކޮށްފައި ވެއެވެ.

އޭގެ ތެރޭގައި އެއާޕޯޓު ބޮޑުކުރުމަށް ބިން ހިއްކުމަށް ފަސް ނަގާ ސަރަޙައްދަކީ ގިނަ އަދަދަކަށް މޫދު ވިނަ ހުންނަ ސަރަޙައްދެއް ކަމަށާއި، އެއީ ވެލާފަދަ ކަނޑުގެ ދިރުންތައް ދިރިއުޅޭ ސަރަޙައްދަކަށްވުން ހިމެނެއެވެ.

އަދި އީއައިއޭގައި ބުނެފައި ވަނީ މާފަރަކީ ވެލާ ބިސް އަޅައި އުޅޭ ރަށަކަށް ވެފައި، މި މަޝްރޫޢުގެ ސަބަބުން ރަށް ގިރި، ވެލާތައް ދިރިއުޅޭ ސަރަޙައްދު ހަލާކުވުމުގެ ސަބަބުން އެ ހިސާބުގައި އުޅޭ ދިރޭތަކެއްޗަށް ސީދާ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

މާފަރު އެއާޕޯޓްގައި އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެއާބަސް އޭ 320 އަދި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޓާމިނަލްގައި ވަރަށް ހިތްގައިމު ވީއައިޕީ ލައުންޖެއް ވެސް ވަނީ ހިމަނާފައެވެ.

މާފަރު އެއާޕޯޓް އަޅާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް(ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.