English Edition
Dhivehi Edition
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު - ފޮޓޯ: ވަން އޮންލައިން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއާޕޯޓު ބޮޑުކުރުމުގެ ހުއްދަ ނުދޭން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

މާފަރު އެއާޕޯޓު ބޮދުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރގެ ފަރާތުން އީޕީއޭ އަށް މުރާޖަޢާކުރުމަށް ހުށަހެޅި ތިމާވެއްޓާއި ބެހޭ ރިޕޯޓާއި ބެހޭގޮތުން އީޕީއޭ އިން ނެރުނު އެންވަޔަރަންމެންޓަލް ޑިސިޝަން ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެއްދެވީ ޑރ. އަޙްމަދު ޝާއިޤު ކަމަށެވެ.

އީޕީއޭ އިން ނެރުނު އީއައިއޭގައި މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ޤަބޫލުނުކުރި 11 ސަބަބެއް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން އީޕީއޭ އިން ބުނީ އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވަނީ ބޮއިންގ 777ގެ ޓްވިންޖެޓް ޖެއްސުމަށް ޖާގަ ހެދުމަށް ކަމަށްވާއިރުމި މަޝްރޫޢުގެ ސަބަބުން ދުރު މުސްތަޤްބަލަށް ބަލާއިރު ތިމާވެށީގެ ގޮތުން އަދި އިޤްތިޞާދީ ގޮތުންވެސް ގެއްލުންތަކެއް ލިބޭނެތީ، އެއީ ޤަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށެވެ.

އަދި އެ އެއާޕޯޓުގައި ކައިރި މުސްތަޤްބަލުގައި ބޮޑެތި ފްލައިޓްތައް ޖައްސާނެ ކަމަށް ލަފާކުރެވެނީ މަދުން ކަމަށްވާއިރު، ދުރު މުސްތަޤްބަލުގައި ފްލައިޓް ޖައްސާނެ މިންވަރުވެސް އަދި ނޭނގޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއާޕޯޓު ބޮޑުކުރުމަށް ބިން ހިއްކުމުގެ ސަބަބުން މާފަރު ފަޅުގެ ބޮޑު ބައެއް ގެއްލި، މުރަކައާއި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މާފަރު އެއާޕޯޓު ބޮޑުކުރުމަށް ހިއްކާ ބިމުގެ ބަދަލުގައި ރަށް ބޮޑުކުރުމަށް އިތުރަށް ބިން ހިއްކުމަށް އެ ރަށު ކައުންސިލުންނާއި ރައްޔިތުން ބޭނުންވާއިރު، މި މަޝްރޫޢުގެ ސަބަބުން ރަށް ބޮޑުކުރުމަށް ހިއްކާނެ ފަޅުން ޖާގަ ގެއްލޭނެ ކަމަށްވެސް އީއައިއޭގައި ބުނެފައި ވެއެވެ.

އީޕީއޭގެ އީއައިއޭގައި އިތުރަށް ބުނެފައިވާ ގޮތުން ބިން ހިއްކުމަށް ފަސް ނަގާ ސަރަޙައްދަކީ ގިނަ އަދަދަކަށް މޫދު ވިނަ ހުންނަ ސަރަޙައްދެއް ކަމަށާއި، އެއީ ވެލާފަދަ ކަނޑުގެ ދިރުންތައް ދިރިއުޅޭ ސަރަޙައްދެއް ކަމަށެވެ.

އަދި ފަޅު ތެރެ ހިއްކުމުގެ ސަބަބުން މާފަރުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ ތެރެއިން ތޮށި ލާފައިނުވާ ގޮނޑުދޮށް ސަރަޙައްދުތައް ގިރުމަށް މަގުފަހިވާނެ ކަމަށާއި، އެ ސަރަޙައްދުގައި ތޮށިލުމުގެ މަސައްކަތް ކުރަން ޖެހުމުން މަޝްރޫޢުގެ ޚަރަދު ބޮޑުވާނެ ކަމަށްވެސް އީޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އީއައިއޭގައި ބުނެފައި ވަނީ މާފަރަކީ ވެލާ ބިސް އަޅައި އުޅޭ ރަށަކަށް ވެފައި، މި މަޝްރޫޢުގެ ސަބަބުން ރަށް ގިރި، ވެލާތައް ދިރިއުޅޭ ސަރަޙައްދު ހަލާކުވުމުގެ ސަބަބުން އެ ހިސާބުގައި އުޅޭ ދިރޭތަކެއްޗަށް ސީދާ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

އަދި ހަމަ އެހެންމެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ އަސަރު 22،000 ގަހަށް ކުރާނެ ކަމަށާއި، އެ ސަރަޙައްދުގައި އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިންތައްވެސް ހިމެނޭއިރު، އެ ބިންތަކުގެ ބަދަލުގައި ރަށުގެ އަނެއް ފަރާތުން ބިން ދޫކުރުނާނަމަވެސް، އެއާޕޯޓު ބޮޑުކުރާ ސަރަޙައްދުގައިވާ ހުރިހާ ގަސްތަކެއް ނެތިގެންދާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އީޕީއޭ އިން ބުނީ މަޝްރޫޢު ހިންގުމަށް އެދުނު ފަރާތުން، މަޝްރޫޢު ހިންގުމަށް ބޭނުންވާ ބިމުގެ މިލްކުވެރިކަން ލިބިފައި ނުވާ ކަމަށާއި، މަޝްރޫޢުގެ ސަބަބުން ނެތިގެންދާ ރުށްތަކާއި މޭވާ އަޅާ ގަސްތަކުގެ ބަދަލުގައި ގަސްތައް އިންދާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

މާފަރު އެއާޕޯޓު ނިމި، ޤައުމީ އެއާލައިން ‘މޯލްޑިވިއަން’ގެ ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

މާފަރު އެއާޕޯޓްގައި އަޅާފައިވަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެއާބަސް އޭ 320 އަދި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ޓާމިނަލްގައި ވަރަށް ހިތްގައިމު ވީއައިޕީ ލައުންޖެއް ވެސް ވަނީ ހިމަނާފައެވެ.

މާފަރު އެއާޕޯޓް އަޅާފައި ވަނީ ޔުނައިޑެޑް އެރެބް އެމެރިރޭޓަސް(ޔޫއޭއީ) ގެ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.