English Edition
Dhivehi Edition

ރާއްޖޭގައި މިއަދު ބާއްވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކުރެއްވީ ގާނޫނާ ޚިލާފަށް ކަމަށް ޖުމްހޫރީޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހުސައިން ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިޚާބެއްގެ ވަގުތު އިތުރުކުރެވޭނީ ވަގުތު ހަމަވާއިރު ވޯޓުލާން ބަޔަކު އައިސް ތިބި ހިނދެއްގައި ކަމަށެވެ. އިންތިޚާބަކީ ވޯޓުލާ ވަގުތާއި ނިންމާ ވަގުތު ކުރިން ކަނޑައެޅި ނިމިފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން މިހެން އޮތްހިނދު ވަކިގޮތަކަށް ނަތީޖާ ނެރެން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވާ ކަމަށް ބެލެވޭ ގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައިވަނީ ސިޔާސީ އެއްވެސް ޕާޓީއެއްގެ ލަފައެއްވެސް ހޯދުމަކާ ނުލައި ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލު ކުރެއްވުކީ އިލެކްޝަނުން ވަކި ގޮތަކަށް ނަތީޖާ ނެރެން ކުރެއްވި ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މި އިންތިޚާބުގައި ކަންބޮޑުވާ ބޮޑެތިކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މަރުކަޒުގައި އޮންނަ ވޯޓާސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަ ފަދަ އެތައް ކަމެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަން މިހެންހުއްޓައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވަގުތު އިތުރުކޮށްފައެވެ. އެކަން އޭނާ ސިފަ ކުރެއްވީ އިލެކްޝަނުން ހިންގެވި ޖަރީމާއެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަހުމަދު އަކުރަމް އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޯޓުލާ ވަގުތު އިތުރުކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދަވައިގެން ކަމަށެވެ.